ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެއްޖެ ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވަލުވެހުރި އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެންވިދާޅުވި އިރު، މި ސަރުކާރަށް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކާއި ހޯދުނު ކާމިޔާބީތަށް އެކި މިނިސްޓްރީ ތަކުން އަންނަނީ ހާމަކުރައްވަމުންނެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެއްޖެކަމަށާއި، ރައްޔިތުން ބިކަވެ، ޒުވާނުން މަގުމަތިވެއްޖެކަމަށެވެ. އަދި މިނިވަންކަން ގެއްލި ގައުމު އަޅުވެތިވެއްޖެކަމަށާއި އިސްލާމްދީން ނިކަމެތިކޮށްފިކަމުގައިވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުން ލާދީނިއްޔަތަށް މަގު ފަހިކޮށް ޢަދުލު އިންޞާފު ގެއްލިއްޖެކަމުގައި ވިދާޅުވެ އަބްދުއްރަޙީމް ވިދާޅުވީ އަނިޔާވެރިކަން ޢާންމުވެ، ވައްކަން އިންތިހާއަށް ހިނގައްޖެކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި އިސް ސަފުގައި ހަރަކާތްތެރިވި އަބްދުއްރަޙީމް އަންނަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން ސަރުކާރު ކޯލިޝަނަށްފާޑު ވިދާޅުވެ އަބްދުއްރަޙީމް މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިދަ ޖައްސާލައި، ޚަޒާނާ ދޮވެލުންތޯ ސުވާލު ކުރައްވާފައެވެ.




