ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސުން ނޭޝަންސް ލީގު ފައިނަލް ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުން ފްރާންސް މޮޅުވެފައިވާއިރު، އެއްމެޗުވަނީ އެއްވަރުވެގެން ނިމިފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޑަށްއާއި ދެކޮޅަށް ރޭ ފަރާންސުން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ޤައުމުގައި ކުޅުނު މިމެޗުގައި ފްރާންސްގެ ގޯލުތައް ޖެހީ އޮލިވިއޭ ޖިރޫޑާއި ބެންޖަމިން ޕަވާޑްގެ އިތުރުން ކިންގްސްލީ ކޯމަން އެވެ. އަދި ސްވިޑެންގެ ދެ ގޯލު ޖެހީ ވިކްޓޯ ކްލައެސަން އާއި އޭނާގެ ބަދަލުގައި ކުޅެން އެރި ކުއެއިސަން އެވެ.
ރޭގެ މެޗުގައި ޖިރޫޑު ފްރާންސަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ޤައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދުވަނީ 44 އަކަށް އަރާފައެވެ. މިއީ ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ތިއެރީ އޮންރީގެ ރެކޯޑަށް ވުރެން ހަތް ގޯލު މަދު އަދަދެކެވެ.
ރޭގެ މެޗަށް ނުކުތް އިރުވެސް މެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލު ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު ފްރާންސަށް އޮތެވެ. ފައިނަލު ބުރު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ރޭގެ މޮޅާއެކު ފްރާންސުން ލީގު އޭގެ ގްރޫޕް 3 ގެ އެއްވަނާއިގެ ގޮތުގައި ނިންމާލާފައިވަނީ 16 ޕޮއިންޓާއެކުގައެވެ. އަދި 13 ޕޮއިންޓާއެކު ދެވަނާގައި ޕޯޗުގަލް އޮތްއިރު އެންމެ ފުރަތަމަ މިމުބާރާތުގެ ތަށި ހޯދި ޕޯޗުގަލްއަށް ރޭގެ މެޗަށް ނުކުތްއިރުވެސް އޮތީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.




