2021 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް އުންމީދުތަކެއް ލިބިގެންދާ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކުރިޔަށްދާ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާވިދާޅުވީ، ބަޖެޓަކީ އަންދާޒާއެއް ކަމަށާއި މީގަ ހުރި ހުރިހާ ކަމެއް އަކުރުން އަކުރަށް އޮތް ގޮތައް ނުވާނެކަން އަޅުގަނޑުމެންގެ ކުރީގެ ތަޖުރިބާއިން އިނގޭ ކަމަށެވެ.
"މިހާތަނަށް ވެފަކާވެސް ނެތް. ދުވަހަކުވެސް ވެފަ އޮތް ކަމެއް ނޫން. އަދި އަޅުގަނޑުމެން ޑެފިސިޓް ބަޖެޓެއް މިތަނުން ފާސް ކުރަމުން އަންނަތާ މިއީ ކިތައްވަނަ އަހަރުތޯ؟ އަޅުގަނޑު ހަނދާނެއް ނެތް ޑެފިސިޓް ނޫން ގޮތަކަށް ބަޖެޓެއް މި މަޖިލީހުން ފާސްކުރި ހަނދާނެތް." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، 2021 ވަނަ އަހަރަށް އަޅުގަނޑުމެން ފޯކާސްޓް ކޮށްފަ މިއޮތް ބަޖެޓަކީ ހަގީގަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު އުންމީދުތަކެއް ލިބިގެންދާނެ ބަޖެޓެއް ކަމަށާއި ރައްޔިތުން އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް އެކަން ގަބޫލުފުޅުކުރައްވާނެކަން ޔަގީން ކަމަށެވެ.
"ފައިސާ ލިބޭ އަދަދަކުން ކަންތައްތައް ކުރެވޭނީ. އެކަމް އަޅުގަނޑުމެނަށް މި ބަޖެޓުން ފެނިގެންދަނީ އުންމީދެއް. އެ އުންމީދަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދިނުމުގެ ވިސްނުން އެބަހުރިކަން. އަޅުގަނޑުމެން އަނދާޒާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެ ކަމަށްވާނަމަ އަންދާޒާ ކުރާވަރަށް ހަރަދު ނުކުރެވޭނެކަން އެއީވެސް އަޅުގަނޑުމެނަށް އިނގޭ ކަމެއް." ރޮޒައިނާ ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވަނީ 34.79 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.



