ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝަހީބު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޝަހީބު ބަންދުން ދޫކޮށްލުމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި އަމުރު، ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާއި އެއްގޮތް ނޫންކަމަށް ބުނެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު 15:00 އިން ފެށިގެން ޝާހީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ޝާރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރު ކޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.




