ހދ. ކުޅުދުއްފުށި ހޮސްޕިޓަލުގައި ކާމިޔާބު ލޮލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
އެހޮސްޕިޓަލުން ބުނީ، ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު އާލާތްތަކާއެކު ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކުރެވިފައިވާކަމަށެވެ.
އަދި މިއީ ލޮލޮގެ މިފަދަ ސާޖަރީއެއް މި ހޮސްޕިޓަލުގައި ކުރެވުނު ފުރަތަމަ ފަހަރުކަމަށާއި، މި އޮޕަރޭޝަން ކުރެއްވީ ލޮލުގެ ޑޮކްޓަރު ޑރ. ރާޝިމް ތާކުރުކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް މި ޚިދުމަތް މެދުނުކެނޑި ލިބެމުން ދާނެކަމަށްވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ރައްޔިތުންވެސް އާންމުކޮށް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ އިރު، އެ ހޮސްޕިޓާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިހާރު ސިޓީ އެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުއްޓަކީ ބޮޑު ތިލަދުންމަތީގެ މައި ހަބެވެ. އެހެން ކަމުން އެކިއެކި ބޭނުންތަކުގައި ދުވާލަކު އެތައް ސަތޭކަ ބަޔަކު ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ގިނަ ފަރުވާ ތަކެއް ލިބެމުންދާއިރު، އާންމު ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައްވެސް ހުރިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ޑޮކްޓަރުންގެ ދަތިކަމެވެ. ބައެއް ފަހަރު ޑޮކްޓަރުން ނެތުމުގެ ސަބަބުން ބައެއް ފަރުވާތަކާއި ޚިދުމަތްތައް މެދުކެޑިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން ޖާގައިގެ ދަތިކަން އެހޮސްޕިޓަލަށް ދިމާވެފައިވާއިރު، އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ، ވާޑް އިމާރާތެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ.



