ރޭވުން (02)

އެހެން ނުވާންވީ ސަބަބެއް ނެތެވެ. މުޅި އެތަނުގައި އޮތީ ލޭގެ ކޯރެއް ހެދިފައެވެ. ޝުބާ އޮތީ މޫނު ދޮންނަ ތަށި ކައިރިއަށް ވެއްޓިފައެވެ. އެއް ލޯވެސް އޮތީ ޗިސްވެފައެވެ. ދޫ އޮތީ ބޭރަށް ނުކުމެފައެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. އެހާ ބައިވަރު ލޭ ފެނުމުން ދީމްގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ނަމަވެސް މަންމައަށްޓަކައި އޭނާ އެވަގުތު ހިތްވަރުކުރަންޖެހޭނެކަން އެނގޭތީ އަވަސްއަވަހަށް މަންމަގެ ކޮނޑުގައި އަތް އަޅުވާލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.

މަންމަ ސޯފާގައި ބައިންދާފައި ދީމް އަވަހަށް ގޮސް ހިދާޔާއަށް ގޮވިއެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނުމަށްފަހު މަންމަ ކައިރީގައި މަޑުކޮށްލުމަށް އެދުނެވެ. ހިދާޔާއަށް ގޮވާފައި ދީމް ކޮޓަރިން ނުކުތްއިރުވެސް މަންމަ އިނީ ކުރިންވެސް އިން ގޮތަށް ހުއްޓުން އަރާފައެވެ. ނަމަވެސް ދީމް އިހަށް އަވަސްވެގަތީ ފުލުހުންނަށް އެ ޚަބަރު ދޭށެވެ. އަދި އެއަށްފަހު ދާނިޝްއަށްވެސް އެންގިއެވެ. އެ ޚަބަރު ހަމަ ކަންފަތަށް އެރުމާއެކު ދާނިޝް އަވަހަށް ރަށަށް އައުމަށްޓަކައި ފުރިއެވެ.

ފުލުހުން އައިކަން އެނގިގެން ވީ ކީއްތޯ ބެލުމަށްޓަކައި އެހިސާބުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެގޭދޮށަށް އެއްވަމުންދިޔައެވެ. ނަމަވެސް ފުލުހުން އޮތީ ގޭ ދޮރުން މީހުން ވަނުން މަނާކޮށްފައެވެ. އެހެންކަމުން ތުންތުންމަތިން އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުންދިޔައެވެ. ޙަޤީޤަތެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެންމެންނަށްވެސް ޔަޤީންވިއެވެ.

ފުލުހުން ބެލުމަށްފަހު، ކަމުގެ ގޮތުންނާއި، ރަށުގައި ވަސީލަތްތައް ނެތުމުގެ އިތުރުން އެފަދަ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ލިބިފައި ހުރި މީހަކު ނެތުމުގެ ސަބަބުން މާލެއިން އެހީ ހޯދުމަށް އެދުނެވެ. އެހެންކަމުން އެގޭތެރޭގައި ތިބި މީހުންނަށްވެސް އެންގީ ކަމާއިބެހޭ ފަރާތްތަކުން އައިސް ބެލުމަށްފަހު ވަކި އެއްޗެއް ނާންގަނީސް ޝުބާ ނިދާ ކޮޓަރި ތެރެއަށްވެސް ނުވަދުމަށެވެ. ދާނިޝްއަށް އާދެވުނީ ފުލުހުން އައިސް ގޭތެރޭގައި ހަރަކާތްތެރިވަނިކޮށެވެ. ދާނިޝް އައިސް ފުރަތަމަވެސް ކަންތައް ވީ ގޮތުގެ ތަފްސީލު ދީމް ކައިރިން އޮޅުންފިލުވިއެވެ. ޝުބާ އޮތް ޙާލު ކިޔައިދިނުމުން ދާނިޝްގެ ލޮލުން ކަރުނަ ހިލުނެވެ. އޭރު ޒާހިދާ، ހިދާޔާ އަދި އެމީހުންގެ ކުޑަ ދަރިފުޅު ވީ ޒާހިދާގެ އެއްބަނޑު މީހެއްގެ ގެއަށް ގެންގޮސްފައެވެ. ޝުބާގެ އަނިޔާވެރި މަރުގެ ޚަބަރު ލިބުމާއެކު ޝުބާގެ މަންމަ ޝިޔާނާ ވަގުތުން ހެޔަށް ގޮތްވިއެވެ. ހޭއެރުމާއެކު އޭނާ އެންމެ ފުރަތަމަވެސް ދުއްވައިގަތީ ދަރިފުޅު ކައިރިއަށް ދިއުމަށްޓަކައެވެ. އެގޭދޮށަށް ގޮސް އެތެރެއަށް ވައްދައިދިނުމަށް އެދި އޭނާ ފުލުހުން ކައިރީގައި އެތައް އާދޭހެއް ކުރިއެވެ. ޝުބާގެ ބައްޕައާއި އެއްބަނޑު އެއްބަފާ ބޭބެވެސް ޝިޔާނާގެ ފަހަތުން އެގޭދޮށަށް ދިޔައެވެ. ނަމަވެސް ޝުބާގެ މަރަކީ އާދައިގެ މަރަކަށް ނުވާތީ އެތެރެއަށް ވަނުމުގެ ހުއްދަ އެއްވެސް މީހަކަށް ނުލިބުނެވެ. އެހެންކަމުން އެންމެންވެސް ކެތްތެރިކަމާއެކު މަޑުކޮށްގެން ތިބީ މާލެއިން އެކަން ބެލުމަށްޓަކައި އަންނަ  ޚާއްސަ ޓީމުގެ މަސައްކަތް ފެށި، އެދެވޭ ޚަބަރެއްގެ ލިބޭނެ އިރެއްގެ އިންތިޒާތުގައެވެ.

މަރު ތަޙުޤީޤުކުރުމަށްޓަކައި މާލެއިން އައި ޚާއްސަ ޓީމަށް އެގެއާ ހަމައަށް އާދެވުނީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ޓީމްގައި އެންމެ އިސްކޮށް ހުރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޚާލިދު ޙަސަންއެވެ. އެއީ އިންވެސްޓިގޭޝަން ދާއިރާއިން ވިހި އަހަރުގެ ތަޖުރިބާ ލިބިފައި ހުރި ބޭފުޅެކެވެ. ޚާލިދާއި އޭނާގެ ޓީމްގެ މެމްބަރުން އައި ގޮތަށް އެމީހުންގެ މަސައްކަތް ފެށިއެވެ. ޝުބާ އޮތް ގޮތާއި، ތަނުގެ ޙާލަތު ފެނިފައި އެކަން ކޮށްފައިވަނީ ޝުބާ ދެކެ އިންތިހާއަށް ރުޅިއަންނަ މީހަކުކަން ޚާލިދުގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އަނިޔާކޮށްފައި އޮތީ އެހާވެސް އިހާނެތިކޮށެވެ. ޓީމްގެ މެމްބަރުން ޝުބާ މަރާލާފައި އޮތް ތަނާއި މުޅި ކޮޓަރިތެރޭގެ އެކި ހިސާބުން ފިންގަރ ޕްރިންޓް ނެގިއެވެ. އަދި އެކި ހިސާބުތައް ވަކިވަކިން ފޮޓޯ ނެގިއެވެ. އެއަށްފަހު ބޭނުން ހިފޭނެކަމަށް ބެލެވޭ ތަކެތި ރައްކާތެރިކަމާއެކު ނަގާ ޚާއްސަ ކޮތަޅުތަކަކަށް އެޅިއެވެ. ދެން ޝުބާގެ ހަށިގަނޑު އެއްކޮށް ނިވާކުރުމަށްފަހު އަށިގަނޑަކަށް ލައިގެން ރަށުގެ ޞިއްޙީ މަރުކަޒަށް ގެންދިއުމަށްޓަކައި ނެރުނެވެ. ނަމަވެސް އަދިވެސް އެ ކޮޓަރި ތެރެއަށް އެއްވެސް މީހަކު ވަނުން މަނާކުރިއެވެ.

ޝުބާގެ ހަށިގަނޑު ގެއިން ބޭރަށް ނެރުނު ވަގުތު އެތަނައް އެއްވެފައި ތިބި އެންމެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޝުބާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. ހަށިގަނޑު ޞިއްޙީ މަރުކަޒަށް ގެންދިއުމާއެކު އެތަނަށްވެސް މީހުން އެއްވާން މާ ގިނައިރެއް ނުނެގިއެވެ. ފުލުހުންނަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންނާއެކު ދާނިޝް، ދީމް އަދި ޝުބާގެ ބައްޕައާއި ބޭބެ އެތެރެއަށް ވަނެވެ. ހޮސްޕިޓަލަށް ވެއްދުމަށްފަހު ޑޮކްޓަރު ބަލާ ނިމުމުން ދާނިޝްއަށާއި ޝުބާގެ ބައްޕައަށް ހަށިގަނޑު އޮތް ގޮތް ދައްކާލިއެވެ. އެވަގުތު އެދެމީހުންނަށްވެސް ރޮވުނެވެ.

"މިކަހަލަ ކަމެއް ކޮށްފާނެކަމަށް ޝައްކު ކުރެވޭ އެއްވެސް މީހަކު އެބަހުރިތޯ؟" ޚާލިދު ފުރަތަމަ ސުވާލުކުރީ ދާނިޝްއާއެވެ.

"އަޅުގަނޑަށް އެނގިގެން ނެތް. ޝުބާއަކީ ނުލާހިކު މީހުންނާ ގުޅޭ ކިޔަމަންތެރި ކުއްޖެއް. އަޅުގަނޑުގެ ހިތަށްވެސް މިއަރަނީ ތިހާ ބޮޑު އަނިޔާއެއް ދޭނީ ކާކުބާއޭ؟" ފުންކޮށް ވިސްނާލަމުން ދާނިޝް ބުންޏެވެ.

"އެކަމަކުވެސް މިކަން ކޮށްފަ މިވަނީ ޝުބާދެކެ އިންތިހާއަށް ރުޅި އަންނަ މީހެއް. އެހެންނޫންނަމަ އެވަރެއް ނުކުރާނެ." ޚާލިދުގެ ތަޖުރިބާގެ އަލީގައި ބުންޏެވެ.

"އަޅުގަނޑުމެން ޝުބާގެ ޢާއިލާއާއި ރަޙުމަތްތެރިންނާ ސުވާލުކުރުމަށްޓަކައި ހާޒިރުކުރަމުން ގެންދާނަން. މިކަން ނުނިމެނީސް އެއްވެސް ބޭފުޅަކު ރަށުން ބޭރަށް ނުދުރުވެ ރަށުގައި މަޑުކޮށްދެއްވުން އެދެން." ޚާލިދު އެތަނުގައި ތިބި މީހުންނާ މުޚާޠިބުކޮށް ބުންޏެވެ.

އެރެއަށް މަސައްކަތް ނިންމާލުމަށްފަހު ޚާލިދު ދިޔައީ އޭނާ ހުރުމަށް ހަމަޖެހިފައިވާ ގެއަށެވެ. ފެންވަރާލައިގެން ނުކުމެ ނިދަން އުޅެއުޅެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މިއަދު މަރާލާފައި އެވާ ކުއްޖާ މަރާލާފައިވާ އަނިޔާވެރި ގޮތަކީ މިފަހަކަށް އައިސް އޭނާގެ ކެރިއަރުގައި ފެނުނު އެންމެ އަނިޔާވެރި މަރެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިފުރޮޅި އެތައް އިރެއްވީއިރުވެސް އޭނާގެ ލޮލަށް ނިންޖެއް ނަޔެވެ. އެހެންކަމުން އެންމެފަހުން ތެދުވެ މިއަދު ފޮޓޯނަގަން ގެންގުޅުނު ކެމެރާ ހިފައިގެން ސިޓިންގ ރޫމަށް ނުކުމެ ސޯފާއެއްގައި ހަމަޖެހިލިއެވެ. އަދި ކްރައިމް ސީންގައި ނަގާފައިވާ ފޮޓޯތަކަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ޝުބާ އޮތް ތަނުން ފެށިގެން ހަށިގަނޑުގެ އެކި ގުނަވަނަށް ކޮށްފައިވާ އަނިޔާތަކަށް ޒޫމްކޮށްގެން އޭނާ ބަލަމުން ގެންދިޔައެވެ. ކަނާތު ލޯމާތީގައި ހީވަނީ އެއްޗަކުން ވަރަށް ބާރަށް ޖަހާފައި ހުރިހެންނެވެ. ބަނޑާއި އަތުގައި ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރިކަމުގެ ނިޝާންތަކެއްވެސް ހުއްޓެވެ. ދެން ޚާލިދުގެ ލޮލުގައި އަޅައިގަތީ ޝުބާގެ ކަނާއަތުގެ ޝަހާދަތް އިނގިއްޔެވެ. އެ އިނގިލީގެ ނިޔަފަތިގަނޑެއް ނެތެވެ. ފާޚާނާތެރެއާއި ކޮތަރިތެރޭގެ އެކި ހިސާބު އޭނާ އަމިއްލައަށް އެގަޑީގައި ބެލިއެވެ. ނަމަވެސް އޭރު އެއްވެސް ތަނަކުން ނިޔަފަތިގަނޑެއް ފެނިފައެއް ނުވެއެވެ. ނެގިފައިވާ ފޮޓޯތަކުންވެސް ނިޔަފަތިގަނޑެއް ފެންނާކަށް ނެތެވެ.

އެކަމާމެދު ވިސްނަން އިންދާ ކުއްލިއަކަށް ޚާލިދު ކައިރީގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ނަގާ ބަލާލިއިރު ގުޅަނީ ދާނިޝްއެވެ. މަރާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ހިއްސާކުރަން ބޭނުންނަމަ ގުޅުމަށް އެދިފައި މިއަދު އޭނާ އައީ އެ ޢާއިލާ މީހުންނަށް އޭނާގެ ނަންބަރު ދީފައެވެ.

"އަޅުގަނޑަށް ޝައްކުކުރެވޭ މީހެއް އެބަހުރި." ދާނިޝްގެ އަޑުގައިވަނީ ޔަޤީންކަމެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ