ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: ަރއީސް އޮފީސް

ހޯރަފުށީ އެއާޕޯޓް ރައީސް ޞޯލިޙް ހުޅުވައިދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން، ކުރު މުއްދަތެއްގައި މި ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީ ވޭގެ އިތުރުން ޓާމިނަލާއި، ފަޔަރ ބިލްޑިންއާއެކު ތަރައްޤީކުރި ހޯރަފުށީ އެއާޕޯޓް ރައީސް ޞޯލިޙް ހުޅުވައިދެއްވީ ދާދި ދެންމެ، އެ އެއާޕޯޓްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ބޮޑުތިލަދުންމަތީގެ ތިންވަނަ އެއާޕޯޓް ހުޅުވުމުގެ މި ކުލަގަދަ ރަަސްމިއްޔާތުގައި ރައީސްޖުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2020 ނޮވެމްބަރު 16 ވަނަ ދުވަހުގެ ހެނދުނު 09:10 ގައެވެ. އޭގެ ފަހުން މިއަދު ދެ ފްލައިޓް އެއާޕޯޓަށް ޖައްސާފައިވެއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: ަރއީސް އޮފީސް

198 މިލިއަން ރުފިޔާއަށް ހޯރަފުށީ އެއާޕޯޓް ރަންވޭ ތަރައްޤީކުރުމަށް އެމްޓީސީސީއާއި ސަރުކާރުން ހަވާލުކޮށްފައިވަނ،ީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި 13.8 މިލިއަން ރުފިޔާއަށް އެއާޕޯޓްގެ ޓާމިނަލާއި ފަޔަރ ބިލްޑިންގ ތަރައްޤީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ.

ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފަލައިޓް ޖައްސާފައި - ފޮޓޯ: އެމްޓީސީސީ

މި އެއާޕޯޓަކީ ރާއްޖޭގައި ބިން ހިއްކައިގެން އެންމެ ކުރު މުއްދަތެއްގައި ތަރައްޤީކުރި އެއާޕޯޓެކެވެ. މި ރަސްމިއްޔާތަށް ރައީސް ޞޯލިހް ހޯރަފުއްޓަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން ހޫނު މަރުޚަބާއެއް ދަންނަވާފައިވަނީ ސަގާފީ ހަރަކާތްތަކާއި، ސްކޫލްކުދިންގެ ފުރިހަމަ ހުށަހެޅުންތަކުންނެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޢާއްމު ރައްޔިތުންވެސް ބައިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ