އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަކުރަމް އިސްތިއުފާ ދެއްވައިފި

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހްމަދް އަކްރަމް އިސްތިއުފާ ދެއްވައިފިއެވެ.

އަކްރަމްގެ އިސްތިއުފާގެ ސިޓީ ޓްވީޓް ކުރައްވާފައިވާއިރު، އެސިޓީގައި ބުނެފައިވަނީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ އިތުބާރެއްނެތި މެންބަރުކަމުގައި ދެމިހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ކަންޑައެޅިގެން ހަޤީގަތާއި ޚިލާފް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި އެކަން ހިނގާފައިވާގޮތުގެ ތަފްސީލީ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ