ނޮޅިވަރަންގައި ފެންބޮޑުވެ 12 ގެއަކަށް ފެންވަދެއްޖެ

އުތުރަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނޮޅިވަރަންގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

ނޮޅިވަރަން ކައުންސިލް މެންބަރު އިބްރާހީމް ނަޞީރު މި ނޫހަށް ވިދާޅުވީ، މެންދުރުފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި، 12 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ.

ފެން ވަތް 12 ގޭގެ ތެރެއިން 6 ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ މިހާރުން މިހާރަށްވެސް އެ އާއިލާތައް އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

ނޮޅިވަރަން ކައުންސިލުން ވިދާޅުވީ، ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި މިވަގުތު އެރަށުގައި ހުރި އެއް ޕަންޕް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރަށް ފެން ބޮޑުވެ ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކުޅިއާއި ކަނޑޫފަލުން މޫދަށް ކޯރު ކަނޑާފައިވާ ކަމަށެވެ.

އިތުރަށް ވާރޭ ވެހި ފެން ވަދެފާނެކަމަށް ލަފާކުރެވޭ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލާއި، ޕޮލިސް ޑެސްކް އަދި ރަށުގެ ޢާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ ކުޅުދުއްފުއްޓާއި ނޮޅިވަރަންގައި ފެންބޮޑުވެފައިވާއިރު، އެންމެ އުތުރުގެ ތިން އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިރޭ 07:15 އިން 09:15 އަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ