ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ސިލޯނަށް ދިވެހި ކަނޑުމަސް ވިއްކުމުގައި އެއްވެސް ހުރަހެއް ނެތް: ސަރުކާރު

ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެޤައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ފޮރިން މިނިސްޓްރީއަށް އަރުވައިފިކަމަށް މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ހުރަހެއް ނެތި ދިވެހި ކަނޑުމަސް ސްރީލަންކާއަށް އެތެރެކުރެވޭނެކަމަށް ސްރީލަންކާ ސަރުކާރުން ޔަޤީންކަން ދެއްވާފައިވާކަަމަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި، ސްރީލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ނިމިދިޔަ ހަފްތާގައި އެގައުމަށް އެތެރެކުރި މަހުގެ ޝިޕްމަންޓްތަކެއް އެތެރެނުކުރެވުނު މައްސަލަ ހައްލުކޮށް، އެ ޝިޕްމަންޓްތައްވެސް ވަނީ އެގައުމަށް އެތެރެކޮށްފައެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހްވެސް ވަނީ މިވާހަކަ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، މިވަގުތު ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އޮތް ކަންބޮޑުވުމަކީ، ހިކިމަހާއި ލޮނުމަސް ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރުން ކަމަށެވެ. އަދި ހަމަ އެއަޑު އިވުމާއެކީ އެދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގެ ފަރާތުން ހައްލެއް ހޯދުމަށް މަސައްކަތް ފެށިކަމަށް ރައީސް ވިދާޅުވިއެވެ.

ސިލޯންގެ ފިނޭންސް މިނިސްޓްރީއާއި ހަވާލާދެއްވާ ސިލޯންގެ ކަސްޓަމްސް އިން ފޮނުވާފައިވާ ސިޓީއެއް އިއްޔެ ރައީސްއަށް ފޮނުވާފައިވާކަމަށް ދަންނަވާ ރައީސް ވިދާޅުވީ، ސިލޯނަށް ރާއްޖޭގެ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އެ ޤައުމުގެ ސަރުކާރުގައި ނެތްވާހަކަ އެ ސިޓީގައި ދަންނަވާފައިވާކަަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ