މިހާރުގެ ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަށްކޮށްދިނުމަށް މޯލްޑިވްސް ރީފޯރމް މޫވްމަންޓް (އެމްއާރުއެމް) އިން މި ސަރުކާރާއެކު ދެމި އޮންނާނެކަމަށް ބުނެފިއެވެ.
އެމްއާރުއެމްއިން މިހެން ބުނެފައިވަނީ އެޕާޓީގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ ލޮބުވެތި އެންމެހާ މެންބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށް ނެރުނު ނޫސްބަޔާނުގައެވެ. މިބަޔާނުގައި ބުނީ އެމްއާރުއެމް އުފެދިގެން އައީ ޤައުމީ މުހިއްމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންކަމަށާއި، ޕާޓީގެ އެންމެ މުހިއްމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުންކަމަށެވެ. އެހެންކަމުން އެމްއާރުއެމް މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެންކަމަށްވެސް މިބަޔާނުގައި ވެއެވެ.
މީގެއިުތުރުން ޤައުމީ މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްކަމަށާއި، ދައުލަތް ހިންގުމުގެ 3 ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމް.އާރް.އެމް ގެ އަސާސްތައްކަމަށްވެސް ބުނެފައިވެއެވެ.
"އެމްއާރުއެމްއަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއަކަށް ވީހިނދު، ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަށްކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެއެވެ. ޙަޤީގަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިންތިޚާބު ކުރުމުގައި، އެމް.އާރް.އެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެއެވެ." މިބަޔާނުގައި ވެއެވެ.
އަދި އެމްއާރުއެމް ހިންގުމުގާ އިސްދައުރެއް އަދާ ކުރާ އެގްޒެކެޓިވް ކޮމިޓީއާއި، އަންހެނުންގެ ކައުންސިލާއި ޒުވާނުންގެ ކައުންސިލުގެ ހީވާގި މެންބަރުންނަށްވަނީ ޝުކުރު އަދާކޮށްފައެވެ.




