އެތުލެޓިކޯއާއި ދެކޮޅަށް ކުޅޭ ބާސެލޯނާގެ ޓީމުގައި ކުޓީނިއޯ ހިމަނައިފި

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ ބާސެލޯނާގެ ޓީމުގައި ފިލިޕޭ ކުޓީނިއޯ ހިމަނައިފިއެވެ.

ކުޓީނިއޯ ބާސެލޯނާގެ ޓީމުގައި ހިމަނާފައިވަނީ ފަލަމަސްގަނޑަށް ދިމާވި އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ޓީމަށް ނުކުޅެ ހުރުމަށްފަހުގައެވެ. ކުޓީނިއޯއަށް އަނިޔާވެފައިވަނީ މިދިޔަ އޮކްޓޯބަރުގެ 24 ގައި ރެއަލްމެޑްރިޑާއި ދެކޮޅަށް ކުޅުނު މަޝްޙޫރު އެލްކްލެސިކޯ މެޗުގައެވެ. އެމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. ކުޓީނިއޯ މިސީޒަންގައި ބާސެލޯނާއަށް މިހާތަނަށް ހަ މެޗު ކުޅެދީފައިވާ އޭނާވަނީ ބާސެލޯނާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިމެޗު ފަށާނީ މާދަމާ ރޭ 01:00 ގައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ކޫމަން ބުނީ، ކުޓީނިއޯ އެނބުރި ޓީމާއި ގުޅުމުން އުފާވާކަމަށާއި، ފަރިތަކުރުންތައްވެސް ވަރަށް ރަނގަޅަށް ގޮސްފައިވާކަމަށެވެ. ނަމަވެސް އެތުލެޓިކޯ މެޗުގައި ކުޓީނިއޯ ބައިވެރިކުރަން އެނގޭނީ މެޑިކަލް ސްޓާފުންނާއި ވާހަކަ ދެއްކުމަށްފަހުކަމަށްވެސް ކޫމަން ބުންޏެވެ.

އަނިޔާގެ ބޮޑެތި މައްސަލަތަކެއް މިހާރުވެސް ކުރިމަތިވެފައިވާ ބާސެލޯނާގެ ހަތަރު ކުޅުންތެރިޔަކު މިހާރުވެސް ޓީމާ ދުުރުގައި ވެއެވެ. އެއީ ރޮނަލްޑް އަރައުޔޯއާއި ބުސްކެޓްގެ އިތުރުން އުމްޓިޓީ އަދި ފާޓީއެވެ. މިހަތަރު ކުޅުންތެރިންނަށްވެސް އެތުލެޓިކޯ މެޗު މިސްވާއިރު، ކޮވިޑް-19 ގެ ސަބަބުން އެތުލެޓިކޯގެ ލުއިސް ސުއަރޭޒް އަށާއި ލޫކަސް ޓޮރެއިރާއަށްވެސް އެމެޗުގައި ނުކުޅެވޭނެއެވެ.

7 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލްގެ 8 ވަނާގައި ބާސެލޯނާ އޮތްއިރު އެތުލެޓިކޯ އޮތީ7 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ