ސައީދުގެ ރައްދު ރައީސްއަށް: 2021 ގެ ބަޖެޓްގައި ހުރީ ހުސް ނަގަން ހުރި ދަރަނި!

ބަޖެޓްގައި ޖަހާފައިހުރީ ލިބިފައި ހުރި ފައިސާ ކަމަށާއި އެހެންކަމުން މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން އަދާކުރެއްވި މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ހުޅުވުމަށް އެރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖަހާފައި ހުރީ ދައުލަތަށް ލިބިފައި ހުރި ފައިސާ ކަމަށްވަތީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ދާނެކަމަށެވެ.

މި ވަގުތަކީ ޕްރޮޖެކްޓްތައް ހުއްޓާނުލައި އޭގެ ބަދަލުގައި އިގްތިސާދާ އެކު ކުރިއަށް ދާންވީ ވަގުތު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މޯލްޑިވްސް މަނިޓަ ރީ އޮތޯރިޓީ (އެމްއެމްއޭ) ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ ބަޖެޓްގައި ޖަހާފައި ހުރީ ލިބިފައިވާ ފައިސާއެއް ނޫން ކަމަށާއި އެއީ ހުސް ނަގަންހުރި ދަރަނި ކަމަށެވެ.

"މަޖިލިސްގައި އެމްއެމްއޭ އާއި އެކު ކުރިއަށްދިޔަ ބަޖެޓް ގެ ބަހުސްގައި އެމްއެމްއޭ ގެ ގަވަރނާ ދެއްކެވި ވާހަކަފުޅު އަޑު އައްސަވާ." ސައީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހުރި މަޝްރޫއުތައް އިގުތިސާދާ ނުބައްދަލު މަޝްރޫޢުތަކެއްކަމަށާއި، މަޝްރޫޢުތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިދާނެކަމަށް ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމެއްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ވިދާޅުވެފައެވެ.

ހާޝިމް ވިދާޅުވީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރަށް ލަފާކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ، ކޭޝްފްލޯ މެނޭޖުކުރަން ދަތިވެ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އަދި މިވަގުތު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި އެކު ސަރުކާރުން އިތުރަށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް19 ބަލިމަޑުކަމާ އެކު ފަތުރުވެރިކަމަށް ހީނަރުކަމެއް އައިސް ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ދަށްވެފައިވުމާއެކު މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ