ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި މިއަދު އުލިގަމުގައި ފެންބޮޑުވެ، އެރަށު އިންޖީނުގެއަށް ފެން ވަންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވީ ހއ. އުލިގަމަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން އުލިގަމު ޕަވާރ ހައުސް ސަރަޙައްދުގައި ފެން ބޮޑުވެ ޕަވާރ ހައުސްއަށް ފެން ވަންނާތީ ފެނަކައިގެ މުވައްޒަފުންނާއި އެރަށު ޕޮލިސް ޑެސްކާއި ގުޅިގެން އެސަރަޙައްދުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ހއ. އުލިގަމުގެ މެންބަރު ޢިމާދު ޢަބްދުﷲ މިނޫހަށް ވިދާޅުވީ ރޭންސުރެ ހުއްޓުމެއްނެތި އެރަށަށް ވާރޭ ވެހެމުން އަންނަކަމަށާއި، ބައެއް މަގުތަކުގައި 3 ފޫޓަށްވުރެ މައްޗަށް ފެން ބޮޑުވެފައިވާކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއިން ކައުންސިލަށް ރިޕޯޓްކުރި ކަމަށާއި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
HA.Uligamah boakoh vaarey vehemuge sababun Uligamu power house sarahahdhugai fenboduve power house ah fen vannathee FENAKA muvazzafunnaai gulhigen Uligamu police desk ge officerun fen hikkumugai harakaaiytheri vamun dhany.. pic.twitter.com/BYnubc8dD8
— Maldives Police (@PoliceMv) June 5, 2019
އަދި ފެން ހިންދުމަށްޓަކައި އެރަށު ދެސަރަޙައްދެއްގައި ޕަންޕް ބޭނުންކުރިއިރު، މިހާރު ފެންގަނޑު ކޮންޓްރޯލްކުރެވިފައިވާކަމަށްވެސް ޢިމާދު ވިދާޅުވިއެވެ. މީގެ އިތުރުން ދިރިއުޅެން ދަތިވާވަރަށް އެއްވެސް ގެއެއްގައި ފެންބޮޑުވެފައި ނުވާކަމަށްވެސް ޢީމާދު ވިދާޅުވިއެވެ.
މިހާރުވެސް އެރަށު އިންޖީނުގޭ ސަރަޙައްދުގައި ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ޢިމާދުވަނީ ވިދާޅުވެއެވެ.
ހއ. އުލިގަމުގެ އިތުރުން އެއަތޮޅުގެ އެހެން ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެފައިވާއިރު އުތުރަށް މިއަދުވެސް ވިއްސާރަވާނެކަމަށް ލަފާކޮށް މެޓް އޮފީހުންވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ހއ. އަތޮޅުން ފެށިގެން ބ.އަތޮޅާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ނެރުނު މިޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 03:30 އަށް އެސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.