އެމެރިކާގެ އެންމެ މުސްކުޅި ރައީސްއަކަށް ބައިޑެން!

އެމެރިކާގެ ރިޔާސީ އިންތިހާބް 2020 ކާމިޔާބުކޮށްފައިވާ ޖޯ ބައިޑެން އަށް މިދިޔަ ހުކުރު ދުވަހު ވަނީ، އުމުރުން 78 އަހަރު ފުރިފައެވެ. އަދި އަންނަ އަހަރު ޖެނުވަރީ މަހުގައި އެމެރިކާގެ ރައީސްކަމާއި ހަވާލުވުމުން ޖޯ ބައިޑަން ވެގެންދާނީ އެމެރިކާގެ ރައީސްކަމުގެ ތާރީޙުގައި އުމުރުން އެންމެ ދުވަސްވީ ރައީސަށެވެ.

މިހާތަނަށް އެމެރިކާގެ ރައީސްކަމާއި ހަވާލުވެފައިވާ އެންމެ އުމުރުން ދުވަސްވީ ރައީސްއަކީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

2017 ވަނަ އަހަރު ރައީސްކަމުގެ ހުވާ ކުރެއްވި އިރު، ޑޮނަލްޑް ޓްރަމްޕްގެ އުމުރު ފުޅަކީ 70 އަހަރެވެ. އަދި ޓްރަމްޕްގެ ކުރިން އެމެރިކާގެ ރައީސްއާއި ހަވާލުވި އެންމެ އުމުރުން ދުވަސްވީ ރައީސްއަކީ، 1981 އިން 1989 ވަނަ އަހަރާއި ދެމެދު އެމެރިކާގެ ރައީސްކަން ކުރެއްވި ރޮނަލްޑް ރޭގަންއެވެ. ރޮނަލްޑް ރައީސްކަމާއި ހަވާލުވިއިރު އުމުރުފުޅަކީ 69 އަހަރެވެ.

އެމެރިކާގެ ރައީސްކަމާއި ހަވާލުވާ އެންމެ އުމުރުން ދުވަސްވީ ރައީސަށް ބައިޑެން ވެގެންދާއިރު، ނައިބު ރައީސްކަމާއި ހަވާލުވާނެ، ކަމާލާ ހެރިސް އަކީ ބައިޑަންއަށްވުރެ 22 އަހަރު ހަގު ބޭކަނބަލެކެވެ.

ބައިޑަންގެ ވެރިކަމުގައި، އެބޭފުޅާގެ ސިއްހީ ހާލަތާއި ބެހޭ ފުރިހަމަ މައުލޫމާތު އެއްވެސް އޮޅުވާލުމެއްނެތި އެންމެންނަށްވެސް ފެންނާނެކަމަށް ސީއެންއެންއަށް ދީފައިވާއިންޓަވިއުއެއްގައި ބައިޑަން ވައުދުވެފައިވެއެވެ.

މިހާތަނަސް އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވި އެންމެ ހަގު ރައީސްއަކީ، އެމެރިކާގެ 26 ވަނަ ރައީސް، ތިއެޑޯރ ރޫސެވެލްޓްއެވެ. 1901 ގައި އެމެރިކާގެ ރައީސްކަމާއި ތިއެޑޯރ ހަވާލުވިއިރު އުމުރުފުޅަކީ 42 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ