ރޮނާލްޑޯގެ ދެލަނޑުން މޮޅުވެ ޔުވެންޓަސްއިން އޭސީ މިލާން ފުލުގައި ވިއްދައިފި

އިޓާލިއަން ސެރީއާގައި ރޭ ކަގްލިއަަރީއާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑުން މޮޅުވެ ޔުވެންޓަސްއިން ތާވަލްގެ އެއްވަނާގައި އޮތް އޭސީ މިލާން ފުލުގައި ވިއްދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު 2-0 ގެ ނަތީޖާއަކުން ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވާއިރު، މިދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. 38 ވަނަ މިނަޓްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ އޭރިއާތެރެއިން އިދިކޮޅު ދެޓީމުގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ދުރު ފަރާތަށް ފޮނުވާލައިގެން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. އަދި ހަތަރު މިނަޓްފަހުން ފެނިގެންދިޔަ ދެވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ ކޯނަރަކުންނެވެ. ކޮޑްރާޑޯގެ ކޯނަރަކުން ހުރަސްވިބޯޅަ ޑެމިރަލް ބޮލުން ފޮނުވާލިއިރު، އެބޯޅަ ލިބުނީ އަރިމަތީ ހުހަށްހުރި ރޮނާލްޑޯއަށެވެ. އަދި ރޮނާލްޑޯވަނީ ބޯޅަ ބިމުގައި ނުޖެހެނީ ފައިން ފޮނުވާލައި ބޯޅަ ގޯލްގެތެރެއަށް ވައްދާލާފައެވެ.

ރޮނާލްޑޯގެ މިދެލަނޑާއެކު އޭނާވަނީ މިސީޒަންގެ އެންމެ ގިނަ ލަނޑު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް އޭސީ މިލާންގެ އިބްރަހިމޮވިޗާއި ލަނޑުގެ ގޮތުން އެއްވަރުކޮށްފައެވެ. މިދެކުޅުންތެރިންވެސް މިސީޒަންގައި މިހާތަނަށް ޖުމްލަ 8 ލަނޑު ޖަހާފައިވާއިރު، 1 އެސިސްޓް ހަދާފައިވެއެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް އެޓީމަށް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިމޮޅާއެކު ޔުވެންޓަސްއިން އެއްވަނާގައި އޮތް އޭސީ މިލާންގެ ފުލުގައި ވިއްދާފައިވަނީ 8 މެޗުން ލިބުނު 16 ޕޮއިންޓާއެކުގައެވެ. އޭސީ މިލާން އެއްވަނާގައި އޮތީ ކުޅުނު 7 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ނަޕޯލީއާއ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗު ކާމިޔާބުކޮށް އޭސީ މިލާނަށް މިފަރަގު ބޮޑުކުރެވެން އެބަ އޮތެވެ.

ނަޕޯލީގައި ކުޅެވޭ ފޯރިގަދަ މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ