ލެސްޓާ ބަލިކޮށް ލިވަޕޫލުން ދެވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު ކާމިޔާބުކޮށް ލިވަޕޫލުން ތާވަލްގެ ދެވަނައަށް އަރައިފިއެވެ.

އެންފީލްޑްގައި ކުޅެވުނު މިމެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިމޮޅާއެކު ލިވަޕޫލުން ތާވަލްގެ ދެވަނައަށް އަރާފައިވަނީ 9 މެޗުން ލިބުނު 20 ޕޮއިންޓާއެކުގައެވެ. އެއްވަނާގައި އޮތް ޓޮޓޭންހާމްއަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު، އެކްލަބަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑަކީ ކޯނަރަކުން ހުރަސްވި ބޯޅައެއް ލެސްޓާގެ ޑިފެންޑަރު އީވަންސް ބޮލުން ދިފާޢުުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތްލަނޑެކެވެ. އަަދި 41 ވަނަ މިނަޓްގައި ފެނިގެންދިޔަ ލިވަޕޫލްގެ ދެވަނަ ލަނޑަކީ ރޮބާޓްސަން އޭރިއާ ތެރެއަށް ހުރަސްކޮށްދިން ހިތްގައިމު ބޯޅައެއްގައި ޑިއޭގޯ ޖޯޓާ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާ ހަތަރު މިނަޓަށް ވެފައިވަނިކޮށް ފިރްމީނޯ ލިވަޕޫލަށް މެޗު ޔަޤީންކޮށްދިނީ ކޯނަރަކުން ބޮލުން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.

ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިވަޕޫލަށް ލިބިގެންދިޔަ މިމެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ މިދަނޑިވަޅުގައި ބައިކޮޅަށް ލަނޑެއް ނުވައްދާ ތިން ލަނޑުގެ ލީޑަކާއެކު މޮޅުވުމުން ވަރަށޤ ހިތްހަމަޖެހޭކަމަށެވެ. އަދި މެޗުގައި ކެއިޓާއަށް އަނިޔާޥެފައިވާތީ އެކަމާއި ކަންބޮޑުވާކަމަށްވެސް ކްލޮޕް ބުންޏެވެ.

ރޭގެ މޮޅާއެކު ލިވަޕޫލުންވަނީ އެޓީމު ކުރިން ހަދާފައިވާ ރެކޯޑެއްވެސް މުގުރާލާފައެވެ. 1978 ން 1981 ޕްރިމިއާ ލީގު މެޗެއްގައި އަމިއްލަ ދަނޑުގައި ބަލިނުވެ ލިވަޕޫލް ހަދާފައިވާ ރެކޯޑު ރޭ މުގުރާލިއިރު، އެޓީމުން އަމިއްލަ ދަނޑުގައި ބަލިނުވެ 64 މެޗު ފުރިހަމަކޮށްފައި މިވަނީ 53 މޮޅާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ