ރޭވުން (03)

(ދެވަނަ އަދަދާއި ގުޅޭ)

އެކަމާމެދު ވިސްނަން އިންދާ ކުއްލިއަކަށް ޚާލިދު ކައިރީގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ނަގާ ބަލާލިއިރު ގުޅަނީ ދާނިޝްއެވެ. މަރާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ހިއްސާކުރަން ބޭނުންނަމަ ގުޅުމަށް އެދިފައި މިއަދު އޭނާ އައީ އެ ޢާއިލާ މީހުންނަށް އޭނާގެ ނަންބަރު ދީފައެވެ.

"އަޅުގަނޑަށް ޝައްކުކުރެވޭ މީހެއް އެބަހުރި." ދާނިޝްގެ އަޑުގައިވަނީ ޔަޤީންކަމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަށެއް ޖެހިއިރު ދާނިޝްއިނީ ރަށު ޕޮލިސް ސްޓޭޝަންގައެވެ. ކުރިމަތީގައި ހުރި މޭޒުގެ އަނެއް ފަރާތުގައި ޚާލިދު އިނެވެ. އޭނާ އިނީ ފޯނެއްގައެވެ.

"ކާކުގެ ވާހަކައެއްތޯ ރޭގަ ބުނަން އުޅުނީ؟" ފޯނު ކޯލު ނިންމާލާފައި ޚާލިދު ދާނިޝްއާ ސުވާލުކޮށްލިއެވެ.

"އެއީ ނާއިޝް. އޭނާއަކީ ޝުބާގެ ކުރީގެ ލޯބިވެރިޔާ. އެ ދެމީހުން ސްކޫލު ދައުރުއްސުރެ ހަތަރު އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު. އެކަމަކު ނާއިޝްއަކީ އެހާ ހަރުދަނާ ކުއްޖެއް ނޫން. ވަޒީފާއަކަށްވެސް ނުގޮސް ރަށުގައި ގިނަވެގެން އުޅޭ ކުދިންނާއެކު ގްރޫޕް ހަދައިގެން އުޅުނީ. މާރާމާރީއާ މަސްތުވާތަކެތީގެ ވިޔަފާރީގައި އެމީހުންނަކީ ރަށުގަ މަޝްހޫރު ބަޔެއް. އެހެންވެ އެކަމާ ޝުބާގެ ޢާއިލާ މީހުން އެ ގުޅުމާ ވަރަށް ދެކޮޅު. އެކަމަކު އެމީހުންނާ ދެކޮޅަށްވެސް ޝުބާ ހުރީ ނާއިޝްއާ ގުޅެން ތައްޔާރަށް. އެހެން އުޅެނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގަ ނާއިޝް އެއްފަހަރު ޖަލަށް ލީ. ވަރަށް ދުވަސްވަންދެން އޭނާ ޖަލުގަ ހުރި. އަޅުގަނޑާ ޝުބާގެ ގުޅުން ފެށުނީ އެދުވަސްވަރު. ނާއިޝް ސަލާމަތްވެގެން އައި އިރު ޝުބާ އުޅެނީ އަޅުގަނޑާ އިނދެގެން. އެކަމާ ނާއިޝް ޝުބާދެކެ ވަރަށް ރުޅި އައި. ފެންނަހާ ތަނަކުން ދިމާކޮށްވެސް ހެދި. އެކަމަކު އޭނާ މިހާރު ދުވަސްކޮޅެއް ވެއްޖެ ވަޒީފާއަކަށް ރިސޯޓަކަށް ގޮސް ހުންނަތާ." ދާނިޝް ތަފްސީލު ދިނެވެ.

"އޭނާ މިހާރު ހުރީ ކޮންތާކު؟" ދާނިޝްގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނުމަށްފަހު ޚާލިދު އަހާލިއެވެ.

"ރޭގަ އަޅުގަނޑު އޭނާގެ ރައްޓެއްސެއް ކައިރީގަ އަހާލީމަ ބުނި މިހާރުވެސް އެ ރިސޯޓުގައޭ ހުރީ." ދާނިޝް ޖަވާބު ދިނެވެ.

ދާނިޝް ދިއުމުން ޚާލިދު އެވާހަކަތަކާމެދު ވަރަށް ވިސްނިއެވެ. ނާއިޝްއަކީ އެބުނާހެން ރަށުގައި ގޭންގް ހަދައިގެން އުޅޭ މީހެއްނަމަ އޭނާއަށް މީހަކު މަރާލުން އެއީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކަމުގެ ފޮނި މީރުކަން ލިބިއްޖެ މީހަކަށް އެއީ އުފާވެރިކަމުގެ ކޮޅެއް ނެތް ކަމެކެވެ. ނަމަވެސް އެކަމުގައި ހުރި ހިތިކަން ކަރު ބުޑުގައި ލައިފިނަމަ މުޅި މީހާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާހާ ބާރު އެ އިޙުސާސްގައި ވެޔެވެ.

ޖެހިގެން އައި ދުވަހު ނާއިޝް ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރެވުނެވެ. އެތަނަށް އަންނަން އޭނާ ދެކޮޅެއް ނުހަދައެވެ.

"ޝުބާގެ މަރުގެ މައްސަލައިގަ އަޅުގަނޑަށް ޝައްކުކުރަނީތޯ؟" ހާޒިރުކުރެވުނީތީ ނާއިޝް ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އޭނާގެ އަޑުގައި ޖެހިލުންވުމެއް ނެތެވެ.

"އަޅުގަނޑުމެންނަށް ލިބިފަ ހުރި ބައެއް މަޢުލޫމާތުގެ އަލީގަ އޮޅުންފިލުވާލަން ބޭނުންވާ ބައެއް ކަންކަން ހުރީމަ ނާއިޝް  މި ހާޒިރުކުރެވުނީ. އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ." ޚާލިދު ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. ކުށްވެރިންނާމެދު ޢަމަލު ކުރަންޖެހޭ އެތައް އުކުޅެއް އޭނާއަށް އެނގެއެވެ. ރުޅިވެރިކަން ދައްކަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް އޭނާ ކުރާނެއެވެ.

"އަޅުގަނޑު ވަރަށް ރީތިކޮށް ވާހަކައެއް ބުނެފާނަން. އަޅުގަނޑު ހިތުގަ ޝުބާއާ މެދު ލޯބި ނޫން އިތުރު އެއްޗެއް ނެތް. އަދިވެސް މިހިތުގެ އެންމެ ފުނުގަ ވަނީ އެ ނަން. އެއީ ތެދެއް. ޝުބާ އަޅުގަނޑަށް އިންތިޒާރުނުކޮށް އެހެން މީހަކާ ކައިވެނި ކުރީތީ އެކަމާ މި ހިތުގަ ވަރަށް ވޭން އެޅި. ލޭ ކެކި، ރުޅިވެސް އައި. އެކަމަކު ޝުބާއަށް އެހާ ބޮޑު އަނިޔާއެއްދޭހާ މި ހިތް ހަރެއް ނޫން. ޝުބާގެ މަރުގެ ޚަބަރު ލިބުނު ހިސާބުންވެސް އަޅުގަނޑަށް އެނގުނުއ މިތަނަށް ހާޒިރުކުރާނެކަން. އަދި އެތައް ސުވާލުތަކަކަށް ޖަވާބުދާރީވާން ޖެހޭނެކަން. އެކަމަކު އަޅުގަނޑު ޝުބާ ދެކެ ވީ ތެދުވެރި ލޯބި. އަނިޔާއަކަށް އެ ލޯބި ތަނެއް ނުދޭ." ވަރަށް ސާބިތުކަމާއެކު ނާއިޝް ބުންޏެވެ. އެ ލޮލުން ޚާލިދަށް ފެނުނީ ތެދުވެރިކަމެވެ. ނަމަވެސް ބައެއް މީހުންނަކީ އެކްޓް ކުރަން ކިހާ މޮޅު ބައެއްކަން ޚާލިދަށްވުރެ ރަނގަޅަށް އެނގޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. އޭނާއަށްވަނީ އެކަހަލަ ކިތަންމެ މީހަކާ ބައްދަލުވެފައެވެ.

އެހިސާބަށް ވާހަކަ ދިޔަ ވަގުތު ޚާލިދަށް ފޯނެއް އަޔެވެ. ބަލާލިއިރު ގުޅަނީ އޭނާގެ ޓީމްގެ މެމްބަރެއްކަމުގައިވާ ޢުމަރެވެ. އެއީ ޝުބާގެ މަދުވާ ނިޔަފަތިގަނޑު ފެނޭތޯ ބަލަން ޚާލިދު ހަވާލުކުރި ފަރާތެވެ.

"ސަރ. އަޅުގަނޑު ވަރަށް ރަނގަޅަށް ހުރިހާ ތަނެއް ބަލައިފިން. އެކަމަކު އެތަނުން ނިޔަފަތިގަނޑެއް ނުފެނުނު. ހަށިގަނޑު އޮތް ތަނަށް ގޮސް ފޮތިގަނޑުގަ ހަރުލާފަ އިންތޯވެސް ވަރަށް ރަނގަޅަށް ބަލައިފިން. އެކަމަކު ހަމަ ނުފެނުނު." ޢުމަރު ތަފްސީލު ދިނެވެ.

"އެންމެ ރަނގަޅު." ކުރިމަތީގައި ނާއިޝް އިނުމުން ޚާލިދު ޖަވާބު ދިނީ ވީހާވެސް ކުރުކޮށެވެ. އެއަށްފަހު އިތުރު ބައެއް ސުވާލު ކުރުމަށްފަހު ނާއިޝް ދިއުމުގެ ހުއްދަ ޚާލިދު ދިނެވެ. އަދި ވަކި އެއްޗެއް އަންގަންދެން ރަށުން ބޭރަށް ނުދިއުމަށް ނާއިޝްއަށް އެންގިއެވެ. އަދިވެސް ހާޒިރުވާން ޖެހިދާނެކަންވެސް މަޢުލޫމާތަށްޓަކައި ބުންޏެވެ.

"ޝުބާއާ މީހަކާ އެއްވެސް މައްސަލައެއް ޖެހިފަ އޮތް ނަމަ އެންމެ ރަނގަޅަށް އެނގޭނެ އެކަކަކީ އޭނާގެ ބެސްޓް ފްރެންޑް ޒާޔާ." ދިއުމުގެ ކުރިން ކަމެއް ހަނދާންވެގެން ބުނެލާފަދަ ގޮތަކަށް ނާއިޝް ބުންޏެވެ. އެ މަޢުލޫމާތުވެސް ޚާލިދު ނޯޓު ކުރިއެވެ.

ދެން ހާޒިރުކުރެވުނީ ޒާޔާއެވެ. ޒާޔާއަކީ ޝުބާއާ އެއް އުމުރެއްގެ ކުއްޖެކެވެ. އެދެކުދިންނަކީ ކުޑައިރުއްސުރެ ވަރަށް ގާތްކޮށް އުޅެމުން އައި ދެ އެކުވެރިންނެވެ. ޝުބާގެ ހުރިހާ ކަމެއް ޒާޔާއާ ހިއްސާކުރެއެވެ. ހަމައެގޮތަށް ޒާޔާވެސް އޭނާގެ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް ޝުބާއާ ހިއްސާކުރެއެވެ. ދެކުދިންވެސް އެކަކު އަނެކަކަށް ހެޔޮ އެދެއެވެ. އެ އެކުވެރިކަމަކީ އެ ދެކުދިން ދަންނަ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެންމެ ލޯބިވާ އަދި އެންމެ ގާތް ރަޙުމަތްތެރިޔާގެ ކުއްލި މަރުގެ ސަބަބުން ޒާޔާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކަން އޭނާގެ މިލާފައިވާ މޫނުމަތިންވެސް ފެންނަން ހުއްޓެވެ.

"ޝުބާއަށް އެހާ ބޮޑު އަނިޔާއެއް ދީފާނެހެން ހީވާ މީހަކު ޒާޔާގެ ނަޒަރުގަ އެބަހުރިތަ؟" ފަރުވާތެރިކަމާއެކު ޒާޔާގެ މޫނަށް އަރާ ފައިބަމުން ދިޔަ އަސަރުތަކަށް ބަލަން އިނދެ ޚާލިދު ސުވާލުކޮށްލިއެވެ.

"ނޫން." ބިރުން އިނދެ ޒާޔާ ޖަވާބުދިނެވެ. އޭރު އޭނާގެ އަތުގައި މަޑު ތުރުތުރެއް ހުރިކަން ޚާލިދަށް ފާހަގަކުރެވުނެވެ.

"ބިރު ނުގަނޭ. ޝުބާއަކީ ޒާޔާގެ އެންމެ ގާތް ރަޙުމަތްތެރިޔާކަން އަޅުގަނޑަށް އެނގޭ. އެހެންވީމަ ޝުބާދެކެ ރުޅި އަންނަ މީހަކު ހުރިނަމަ އެކަން ޒާޔާއަށް ނޭނގިއެއް ނޯންނާނެ. ޝުބާއަށް އިންސާފު ލިބެން ބޭނުންނަމަ ޒާޔާ އަޅުގަނޑުމެންނަށް އެއްބާރުލުން ދިނުން ވަރަށް މުހިންމު." ގޮނޑީގައި ހަމަޖެހިލަމުން ޚާލިދު ބުންޏެވެ. އަދި ޒާޔާގެ ކުރިމަތީގައި ހުރި ފެންތަށްޓަށް އިޝާރާތްކޮށްލާފައި ފެން ފޮދެއް ބޯލަން އެދުނެވެ.

"ހީވޭތަ ނާއިޝް އެކަހަލަ ކަމެއް ކޮށްފާނެހެން؟" ޝައްކުކުރެވޭ މީހުންގެ ލިސްޓްގެ އެންމެ ކުރީގައި އިން މީހާއާ ބެހޭގޮތުން ޚާލިދު ސުވާލުކޮށްލިއެވެ.

"ޝުބާ ދާނިޝްއާ އިންކަން އެނގުނު ހިސާބުން ނާއިޝް ވަރަށް ރުޅިއައިސްގެން އުޅުނު. އަޅުގަނޑާ ބައްދަލުކޮށްފަވެސް އެވާހަކަ ދެއްކި. އަޅުގަނޑު ނާއިޝްއަށް ވަރަށް ވިސްނައިދިނިން. ޝުބާގެ ޢާއިލާ މީހުން ނާއިޝްއާ ގުޅެން ނުޤަބޫލުކަން ނާއިޝްއަށް އޮޅިފައެއް ނޯންނާނެ. ނާއިޝް ހުރީ ވަރަށް ދެރަވެ ހިތުގައި ޖެހިފަ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ޝުބާއަށް އެހެން ހެދީ ނާއިޝް ހެނެއް. ސަބަބަކީ އެފަދަ ކަމެއް އޭނާ ކުރާނެނަމަ ކުރާނީކީ ޝުބާގެ ކައިވެންޏަށް ދޮޅު އަހަރު ފަހަކުން ނޫން. ފަހުން ނާއިޝް ޝުބާއަކަށް އުނދަގުލެއްވެސް ނުކުރޭ. ވީ ދެރައިން އޭނާ ރަށުގަ ނުހުންނަންވެގެން ވަޒީފާއަށް ރިސޯޓަށް ދިޔައީވެސް." ޒާޔާއަށް ހީވާގޮތަށް ޖަވާބު ދިނެވެ.

"ދެން އެހެންވިއްޔާ ޝުބާދެކެ ރުޅި އަންނަ އެހެން މީހަކު ނެތްތަ؟" އަނެއްކާވެސް ޚާލިދު ސުވާލެއްކޮށްލިއެވެ.

"އެހާ ބޮޑު އަނިޔާއެއް ދީފާނެހެން ހީވާ މީހަކު ނެތް. އެކަމަކު އެގޭ ދީމްގެ އަންހެނުން ހިދާޔާ ޝުބާއާ މެދު ވަރަށް ޙަސަދަވެރިވޭ. އެއީ އެގޭ އެންމެންނަށްވެސް އެނގޭ ކަމެއް. އަދި ޝުބާގެ އޮފީހުގަ އުޅޭނެ ޖީޒާ ކިޔާ ކުއްޖެއް. އޭނާވެސް ހުންނަނީ ޝުބާއާ ވަރަށް ޖައްސާލާފަ." ޒާޔާއަށް އެނގޭ ހުރިހާ މަޢުލޫމާތެއް ހިއްސާކުރަމުން ދިޔައެވެ.

"ޖީޒާ ކީއްވެ ޝުބާއާ މެދު ހިތްހަމަ ނުޖެހެނީ؟" ތަފްސީލު ބޭނުންވާތީ ޚާލިދު އިތުރު ސުވާލެއްކޮށްލިއެވެ.

"އެއީ..... ޝުބާގެ މަސައްކަތްތަކާމެދު ވެރިން ހިތްހަމަ ޖެހޭތީ. އަދި ޖީޒާއަށްވުރެ އަވަހަށް ކުރިއެރުން ލިބޭތީ." މިފަހަރު ޖަވާބުދިން އިރު ޒާޔާ ކަމެއް ފޮރުވާހެން ޚާލިދަށް ހީވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ