ކ-ވ: ޖޯޝުއާ ވޮންގް، އިވަން ލާމް، އަދި އެގްނެސް ޗޯ

މުޒާހަރާ ކުރުމުގެ ކުށަށް ވޮންގް އަދި އިތުރު ދެ އެކްޓިވިސްޓުން އިއުތިރާފް ވެއްޖެ

ހޮންކޮންގައި މިދިޔަ އަހަރު ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ޑިމަކްރަސީ އެކްޓިވިސްޓް ޖޯޝުއާ ވޮންގް އަދި އިތުރު ދެ އެކްޓިވިސްޓުން ކަމަށްވާ އިވަން ލާމް އާއި އެގްނެސް ޗޯ އެމީހުންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކަށް އެއްބަސް ވެއްޖެއެވެ.

އެކްޓިވިސްޓް ޖޯޝުއާ ވޮންގް އާއި އަދި އޭނާގެ ބައިވެރިން މިއަދު ކޯޓަށް ހާޒިރު ކުރުމުން ގާނޫނީ ވަކީލުންގެ ލަފާގެމަތިންވަނީ ގަވާއިދާއި ހިލާފަށް އެއްވެ އުޅުމުގެ ކުށަށް އިއުތިރާފް ވެފައެވެ. ޖޯޝުއާ ވޮންގް ބުނެފައިވަނީ މި ކުށުގެ ސަބަބުން ޖަލު ހުކުމެއް އައްނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހޮންކޮންގައި މި ބޮޑެތި މުޒާހަރާތައް ބާއްވައިފައިވަނީ ޗައިނާ ސަރުކާރުން ހޮންކޮންގެ މައްޗަށް އިތުރު ބާރާއި ކޮންޓުރޯލް ހޯދުމަށް ޖޫންމަހު ފާސްކުރި ގާނޫނުގެ ކުރިން ކަމުން ޖޯޝުއާ ވޮންގް އާއި އޭނާގެ ބައިވެރިންގެ މައްޗަށް އައްނާނެ ކަމަށް ބެލެވެނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިހާރު އޮއްނަ ގޮތުންނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައްނާނެއެވެ.

ކޯޓުގެ ބޭރުގައި ޖަމާވެފައިވާ ނޫސްވެރިންނާއި ވާހަކަދައްކަމުން އެކްޓިވިސްޓް ޖޯޝުއާ ވޮންގް ބުނެފައިވަނީ، "އުފުލައިފައިވާ ހުރިހާ ދައުވާއަކަށް އެއްބަސްވުމަށް އަހަރެމެން ތިންމީހުންވާނީ ނިންމައިފައި، މިއަދު ބަންދަށް ފޮނުވާލިނަމަވެސް އެއީ ސަޕްރައިޒިން ކަމަކަށް ނުވާނެ" ކަމަށެވެ.

ޖޯޝުއާ ވޮންގް އިތުރަށް ބުނެފައިވަނީ، މިނިވަންކަމަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި އަދި މިއީ ކުޑަކަކޫ ޖަހައި އަމާންދޭންވީވެސް ވަގުތު ނޫން ކަމަށެވެ.

އިނގިރޭސިވިލާތުން ހޮންކޮންގް ޗައިނާއާއި ހަވާލުކޮށްފައިވަނީ އެގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮންނަތާ 150އަށް ވުރެ ގިނަ އަހަރުވީ ފަހުން 1 ޖުލައި 1997 ގައެވެ. އެއީ 2047އާ ޖެހެންދެން ހޮންކޮންގައި 'އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލު ގެންގުޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ