ހޮންކޮންގް އިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދިޔަ ބޯޓެއް ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ހޮންކޮންގް އިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދިޔަ ބޯޓެއް ޗައިނާއިން ހުއްޓުވައި އެ ބޯޓުގައި ދަތުރުކުރަމުން ދިޔަ މީހުންގެ ތެރެއިން 10 މީހުން ހައްޔަރު ކޮށްފިއެވެ.

ޗައިނާގެ ކޯސްޓްގާޑުން ބުނެފައިވަނީ މި ބޯޓު ހުއްޓުވައި ބޯޓުން ދަތުރުކުރަމުންދިޔަ 10 މީހުން ހައްޔަރުކޮށްފައިވަނީ މިދިއަ އާދިއްތަ ދުވަހު ހެނދުނު ހޮންކޮންގް ކައިރިން ކަމަށެވެ.

ހޮންކޮންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބޯޓުން ދަތުރުކުރި މީހުން ޓައިވާނަށް ދަތުރުކޮށްފައިވަނީ ސިޔާސީ ހިމާޔަތް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހޮންކޮންގެ މަޝޫރު އެކްޓިވިސްޓުން ހިމެނޭ ކަމަށެވެ.

ހޮންކޮންގް އަކީ ޗައިނާގެ ބަޔެއް ނަމަވެސް ދާދިފަހަކާ ޖެހެންދެން ޗައިނާގެ ރައްޔިތުންނަށް ނުލިބޭ ގިނަ މިނިވަންކަން ހޮންކޮންގެ ރައްޔިތުންނަށް ލިބިދީފައި ވެއެވެ. ނަމަވެސް ޗައިނާގެ ޕާލަމެންޓުން ފާސްކުރި ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގާނޫނުގެ ސަބަބުން މި މިނިވަންކަމަށް ބުރޫއަރާފައިވާ ކަމަށްބުނެ ހޮންކޮންގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޗައިނާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނަ ބޯޓުގައި ހޮންކޮންގެ އެކްޓިވިސްޓް އެންޑީ ލީވެސް ހުރިކަމަށް ވެއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އެންޑީ ލީ ހިމެނެއެވެ.

އެންޑީ ލީވަނީ މިމަހުގެ ކުރީކޮޅުވެސް ޗައިނާ ސަރުކާރުން ތަފާތު ތިން މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. މި މައްސަލަތަކުގެ ތެރޭގައި ވަގު ފައިސާ ދޮވުމާއި، ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، އަދި ގަވާއިދާއި ހިލާފަށް ބޯޑަރު ހުރުސްކުރުން ހިމެނެއެވެ.

އިނގިރޭސި ސަރުކާރުން ހޮންކޮންގް ޗައިނާއާއި ހަވާލުކޮށްފައިވަނީ 1997 ވަނަ އަހަރު ހާއްސަ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ބުނާގޮތުން ހޮންކޮންގް އަކީ ޗައިނާގެ ބަޔެކެވެ. ނަމަވެސް ދެ ސިސްޓަމަކަށް ވެރިކަން ކުރާ ފުރިހަމަ މިނިވަންކަން ލިބިދޭން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ