ހޮންކޮންގެ ޑިމަކްރަސީ އެކްޓިވިސްޓް ޖޯޝުއާ ވޮންގް އަދި އިތުރު ދެ އެކްޓިވިސްޓުން ކަމަށްވާ އިވަން ލާމް އާއި އެގްނެސް ޗޯ ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
މި ތިން އެކްޓިވިސްޓުން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ތިން މީހުންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކަށް އެއްބަސް ވުމާއި ގުޅިގެންނެވެ. ހޮންކޮންގެ ޕްރޮސިކިއުޓަރުން އެކްޓިވިސްޓުންގެ މައްޗަށް އުފަލައިފައިވާ ދައުވާއަކީ ގަވާއިދާއި ހިލާފަށް އެއްވެ އުޅުމުގެ ދައުވާއެވެ.
ހޮންކޮންގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފައިވަނީ ޗައިނާ ސަރުކާރުން ހޮންކޮންގެ މައްޗަށް އިތުރު ބާރާއި ކޮންޓުރޯލް ހޯދުމަށް ޖޫންމަހު ފާސްކުރި ގާނޫނުގެ ކުރިން ކަމުން ޖޯޝުއާ ވޮންގް އާއި އޭނާގެ ބައިވެރިން އުމުރުދުވަހަށް ޖަލަށް ލައިފައެއް ނުވެއެވެ.
އުމުރުން 24 އަހަރުގެ ވޮންގް 13 މަހަށް ޖަލަށް ލާން ހުކުމް ކުރިއިރު އުމުރުން23 އަހަރުގެ ޗޯ އަދި އުމުރުން 26 އަހަރުގެ ލާމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 10 މަހާއި ހަތް މަހަށެވެ.
ހުކުމަށްފަހު ވޮންގްގެ ފަރާތުން އޭނާގެ ވަކީލު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ހޮންކޮންގްގެ ޑިމޮކްރަސީއަށާއި މިނިވަންކަމަށް ކުރާ މަސައްކަތުގައި ޖަލުގައި ހުރެގެން ވޮންގް ބައިވެރިވަމުން ދާނެ ކަމަށާއި މުޒާހަރާތަކުގައި ބައިވެރިވި ގިނަ އަަދަދެއްގެ މީހުން މިހާރުވެސް ޖަލުގައި އެބަތިބި ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ހޮންކޮންގެ އެކްޓިވިސްޓުންނަށް އިއްވި މި ޖަލު ހުކުމް ކޮށްވެރިކޮށްފައެވެ. އެ ޖަމުއިއްޔާއިން ބުނީ މިއީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށްދިން އިންޒާރެއް ކަމަށެވެ.




