ހޮންކޮންގެ ފުލުހުން 12 އަހަރުގެ ކުއްޖަކާމެދު އަމަލުކުރި ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް

ހޮންކޮންގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާމެދު ފުލުހުން އަމަލުކުރި ގޮތުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ފުލުހުން މިކުއްޖާއާއި މެދު އަމަލުކުރިގޮތުގެ ވީޑިއޯ މީސްމީޑިއާގެ އެކި ވެބްސައިޓުތަކުގައި މިހާރު ވައިރަލްވެފައިވާއިރު މި ވީޑިއޯއިން ފެއްނަނީ، ގިނަ އަދަދެއްގެ ފުލުހުން ވެގެން މި ކުޑަ އަންހެންކުއްޖާ ހައްޔަރު ކުރުމަށް އެކުއްޖާ ވައްޓާލައިގެން އުޅޭ މަންޒަރެވެ.

މިމައްސަލައިގައި ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ފުލުހުން ބުނެފައިވަނީ، ފުލުހުން މިކުއްޖާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމެއްގެ ތެރެއިން ކަމަށާއި އަދި މިކުއްޖާ ހައްޔަރު ކުރުމުގައި ފުލުހުން ބޭނުން ކޮށްފައިވާނީ އެންމެ ކުޑަ މިންވަރުގެ ބާރު ކަމަށެވެ.

ފުލުހުންގެ ވާހަކައަށް ރައްދުދީ މިކުއްޖާގެ އާއިލާއިން ބުނެފައިވަނީ ފުލުހުން މިކުއްޖާ ގަދަބާރު ބޭނުން ކޮށްގެން ހައްޔަރުކޮށްފައިވަނީ، ސްކޫލަށް ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނިކުމެ އުޅެނިކޮށް ކަމަށެވެ.

އިއްޔެ ހޮންކޮންގައި މުޒާހަރާ ކޮށްފައިވަނީ ހޮންކޮންގެ ޕާލަމެންޓު އިންތިހާބު ފަސްކުރުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ. ހޮންކޮންގް އިން ބުނަނީ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ނަމަވެސް، މުޒާހަރާކުރި ފަރާތްތަކުން ބުނަމުންދަނީ އިންތިހާބު ފަސްކުރުމަށް ކޮވިޑް-19 އުޒުރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ.

އިއްޔެ ހޮންކޮންގައި ކުރިއަށްދިޔަ މުޒާހަރާއާއި ގުޅިގެން 300 މީހުން ހައްޔަރުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ