ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް ރެސްޓްދީފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ރެސްޓް ދީފައިވާއިރު، މިސީޒަންގައި ބާސެލޯނާއިން ކުޅުނު ހުރިހާ މެޗެއްގައިވެސް މެސީވަނީ ކުޅެފައެވެ. އަދި މިމަހު އާޖެންޓީނާއިން ކުޅުނު މުހިންމު މެޗުތަކުގައިވެސް މެސީ ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.
މެސީގެ އިތުރުން ޑިޔޯންވެސް ޑައިނަމޯ މެޗަށް ކޫމަން ނަގާފައިވާ ޓީމުގައި ހިމެނިފައެއް ނުވެއެވެ. އަނިޔާގެ ބޮޑެތި މައްސަލަތަކެއް މިސީޒަންގައި ބާސެލޯނާއަށް ދިމާވެފައިވާއިރު، ފާޓީ، އަރައުޔޯ، ބުސްކެޓް އަދި ރޮބާޓޯގެ އިތުރުން ޕީކޭއަށްވެސް އަނިޔާވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކޫމަން ބުނީ، 9 ޕޮއިންޓާއެކު މިހާރުވެސް ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު، މާދަމާ ރޭގެ މެޗުގައި މެސީ އާއި ޑިޔޯން ހިމެނުން އެހާ މުހިންމު ނޫންކަމަށެވެ. އަނެއްކޮޅުން އެދެކުޅުންތެރިން ގިނަ މެޗުތަކަށް މިހާރުވެސް ކުޅެފައިވާކަމަށާއި، އެކުޅުންތެރިންނަށް ރެސްޓް ބޭނުންވާކަމަށެވެ. އަދި ރެސްޓްދޭން މިއީ ރަނގަޅު ފުރުޞަތެއްކަމަށްވެސް ކޫމަން ބުންޏެވެ.
On our way to Kiev! ???? pic.twitter.com/ioE8U6SCoS
— FC Barcelona (@FCBarcelona) November 23, 2020
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ކުޅުނު ތިން މެޗުންވެސްވަނީ މޮޅުވެފައެވެ. 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު ދެވަނާގައި ޔުވެންޓަސް އޮތީ 6 ޕޮއިންޓާއެކުގައެވެ.
ޔޫކްރެއިންގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މާދަމާ ރޭ 01:00 ގައެވެ.



