ޖިއާނީ އިންފަންޓީނޯ ދެވަނަ ދައުރަކަށް ފީފާގެ ރައީސްއަކަށް އިންތިޚާބުކޮށްފިއެވެ.
ޕެރިހުގައި މިއަދު ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްގައި އިންފަންޓީނޯ އިތުރު ދައުރަކަށް އިންތިހާބުކުރިއިރު، މިއިންތިޚާބުގައި އިތުރު ކެންޑިޑޭޓަކު ވާދަކޮށްފައެއްނުވެއެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރުއެވެ. އަދި ފީފާގެ ރައީސްކަމަށް އިންފަންޓީނޯ ފުރަތަމައައީ 2016 ވަނަ އަހަރުއެވެ. އަދި މިއަދު ބޭއްވުނު އިންތިޚާބާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް މަގާމުގައި ދެމިހުންނަވާނެއެވެ.
ޕެރިހުގައި މިއަދު ބޭއްވުނު 69 ވަނަ ފީފާ ކޮންގްރެސްގައި އިންފަންޓީނޯ ދެވަނަ ދައުރަކަށް ފީފާގެ ރައީސްއަކަށް އިންތިޚާބުކޮށްފައިވާކަމަށް ފީފާގެ އޮފިޝަލް ޓްވިޓާ ޕޭޖުންވަނީ ކަށަވަރުކޮށްދީފައެވެ.
އިންފަންޓީނޯގެ ދައުރުގައި 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުގެ އަދަދު 32 ޓީމުން 48 އަށް ޓީމަށްވަނީ ބަދަލުކުރަން ނިންމާފައެވެ. އަދި މިބަދަލު 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ގެންނަން މަސައްކަތްކުރިނަމަވެސް އެކަމުގެ ސަބަބުން އަތުވެދާނެ ދަތިތަކަށްބަލާ ފީފާއިންވަނީ އެބަދަލު 2026 ގައި ގެންނަން ނިންމާފައެވެ.
Gianni Infantino is re-elected as FIFA President until 2023: https://t.co/Ia97ufemXu
— FIFA Media (@fifamedia) June 5, 2019
އޭގެ އިތުރުން މިހާރު އާދައިގެ ގޮތަކަށް ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް ރީބްރޭންޑްކޮށް 24 ޓީމަށް ވާދަކުރެވޭގޮތަށް 2021 ވަނަ އަހަރު ފަށަން ވަނީ ނިންމައިފައެވެ.
އިންފަންޓީނޯ ފީފާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެފައިމިވަނީ ފީފާގެ ކުރީގެ ރައީސް ލެނާޓް ޖޮހަންސަން މަރުވިތާ އެއްދުވަސް ފަހުންނެވެ. ރައީސް ލެނާޓް ޖޮހަންސަން މަރުވިއިރު އުމުރަކީ 89 އަހަރެވެ. ސްވިޑެންގެ ރައްޔިތެއްކަމުގައިވާ ލެނާޓް ޖޮހަންސަންއަކީ ޗެމްޕިއަންސް ލީގު ތަޢާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														