އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި: ރޮޒައިނާ

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ނިންމީ ސުލޫކީ މައްސަލައަކާއި ގުޅިގެންކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެންކަމަށް ވާހަކަ ވަނީ ފެތުރިފައެވެ.

ނަމަވެސް ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ. އަދި މުވައްޒަފުންނާ ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެންބަރެއްގެ ހިފަހައްޓަންޖެހޭ އަޚްލާގީ މިންގަނޑު ހިފަހައްޓާފައި ނުވާކަމަށް ކޮމިޓީގެ މެންބަރުންނަށް ޤަބޫލުކުރެވޭތީކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އަކްރަމް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ހަފްތާގެ ބުދަ ދުވަހު ފާސްކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އަކްރަމް އިސްތިއުފާދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މަޤާމުން އިސްތިއުފާ ދެއްވާ އަކްރަމް ނެރެއްވި ބަޔާނެއްގައި ވިދާޅުވީ،  މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އެ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ