03 ފަނޑިޔާރަކާއި ގުޅޭ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުޤީގު ކޮމެޓީން ނިންމައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، 28 އޮކްޓޫބަރު 2020 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 79 ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުން ތަހުޤީގުކުރަން ނިންމާފައިވަނީ، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމް އާއި، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމްގެ އިތުރުން ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފްފެ ސުލޫކީ މައްސަލަ ކަމަށެވެ.
އެގޮތުން ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ މައްޗަށް ހުށައަޅާފައިވަނީ، ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެކެވެ.
ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ހުށައަޅާފައިވަނީ، ޖަމްޢިއްޔާއެއް އުފައްދާ އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެކެވެ.
މީގެ އިތުރުން، ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފް، ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާކަމަށް ބުނާ މައްސަލައެއްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.