ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީ އިން ވިދާޅުވީ، 02 ޑިސެމްބަރު 2020 ވަނަ ދުވަހު 91ވަނަ ބައްދަލުވުމުގައި ފަނޑިޔާރުންނާ ގުޅޭ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވުނު ކަމަށެވެ.
އެގޮތުން ޖޭއެސްސީ އިން ބަލަން ނިންމާފައިވަނީ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިޙްސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރިކަމަށް ބުނާ މައްސަލައެކެވެ.
މީގެއިތުރުން، ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދި ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީ އިން ވަނީ ބަލަން ނިންމާފައެވެ.