5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ސުލޫކީ މައްސަލަތައް ތަޙްޤީޤުކުރަން
ނިންމާފައިވާތީ، އެ މައްސަލަތައް ތަޙްޤީޤުކުރުމަށް މި ކޮމިޝަނުން ތަޙްޤީޤު ކޮމިޓީ އެކުލަވާލި ކަމަށެވެ.

އެގޮތުން، ބަލަން ނިންމާފައިވަނީ، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖިލީހެއް ނިމުނީކަމަށް
ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ 3 ފަނޑިޔާރުން، އަލްއުސްތާޛް ޢަބްދުއްރައޫފު އިބްރާހީމްއާއި އަލްއުސްތާޛު ޢަބްދު ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރު، ޤާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީ އިން ވަނީ ބަލަން ނިންމާފައެވެ.

މީގެ އިތުރުން، ޖޭއެސްސީން ބަލަން ނިންމާފައިވަނީ، ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު
މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގުމުއްދަތެއްވެފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލައެކެވެ.

މި ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ތަހުޤީގުކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް
ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުންކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ