ބާސެލޯނާ އަދި ޔުވެންޓަސް ދެވަނަ ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާއިން ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭގެ މޮޅާއެކު ބާސެލޯނާއިން ގްރޫޕްގެ އެއްވަނަ ދިފާޢުކޮށްފައިވާއިރު، މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ބާސެލޯނާއިންވަނީ ކާމިޔާބުކޮށްފައެވެ. ޔޫކްރެއިންގައި ރޭ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑުތަކެއްވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ކުޅުމާއި ދުރުގައި ހުރި ބާސެލޯނާއިން ރޭގެ މެޗު ފަށާފައިވަނީ ބޮޑެތި ބަދަލުތަކާއެކުގައެވެ. ރޭގެ މެޗުގައި ކެޕްޓަން ލިއޮނަލް މެސީވެސް ކުޅެފައެއްނުވެއެވެ.

ބާސެލޯނާގެ ފުރަތަމަ މެޗުގެ 52 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ޒުވާން ސަޖީނޯ ޑެސްޓެވެ. މިއީ ޑެސްޓް ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އޭގެ ފަސްމިނަޓް ފަހުން ކޯނަރެއްގައި ބާސެލޯނާ ކުޅުންތެރިޔަކު ބޮލުން ހުރަސްކޮށްދިން ބޯޅައެއް ގޯލްގެ އަރިމަތީ ހުހަށްހުރި ބްރެއިތުވެއިޓް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާއިން ލީޑު ފުޅާކުރިއިރު، ބާސެލޯނާގެ ތިންވަނަ ލަނޑުވެސް ޖަހައިދިނީ ބްރެއިތުވެއިޓެވެ. ބްރެއިތުވެއިޓް އެލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ބާސެލޯނާގެ ހަތަރުވަނަ ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ގްރިޒްމަންއެވެ.

ފަހުވަގުތު މޮރާޓާ ޖެހި ލަނޑާއެކު ޔުވެންޓަސްވެސް ދެވަނަ ބުރަށް

ޔުވެންޓަސްއިން ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައިވަނީ ރޭ ފެރެންކްވަރޯސްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފެރެންކްވަރޯސް އިންނެވެ. މެޗުގެ 19 ވަނަ މިނަޓްގައި އުޒުނީ ކާމިޔާބުކޮށްދިން މިލަނޑާއެކު ފެރެންކްވަރޯސްއިން ލީޑު ނެގިނަމަވެސް އޭގެ ފަނަރަ ވަރަކަށް މިނަޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 35 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހާފައިވަނީ އޭރިޔާގެ ބޭރުން ގޯލުގެ އަރިމަތިން ތިރިއަށް ފޮނުވާލި ބާރު ހަމަލާއެއްގައެވެ. މިއީ ރޮނާލްޑޯ ކެރިއަރުގައި ކާމިޔާބުކުރި 749 ވަނަ ލަނޑެވެ.

ޔުވެންޓަސްއިން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑަކުންނެވެ. 92 ވަނަ މިނަޓްގައި ފެނިގެންދިޔަ މޮރާޓާ ޖަހާފައިވަނީ ކޮޑްރާޑޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. ސީދާ ކީޕަރަށް ދިޔަ މިހަމަލާ ގޯލްގެ ތެރެއަށްވަދެފައިވަނީ ކީޕަރު ބޮޑު ގޯހަކުންނެވެ.

މިމޮޅާއެކު ޔުވެންޓަސްއިން ގްރޫޕްގެ ދެވަނާގައި އޮތީ ހަރަތު މެޗުން ލިބުނު 9 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސް ބަލިވެފައިވަނީ ގްރޫޕްގެ އެއްވަނާގައި އޮތް ބާސެލޯނާ އަތުން އެކަންޏެވެ. ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗުގައި އަނެއްކާވެސް މިދެޓީމު ބައްދަލުކުރަން ޖެހޭއިރު ކޭމްޕް ނޯގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރެޔެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ