ނުވަ އަހަރަށްފަހު ޗެލްސީ އަލުން ޔޫރަޕްގެ ރަސްކަމަށް!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ޗެލްސީން މިފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ޗެމްޕިއަންސް ލީގު ޗެލްސީން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ޗެލްސީ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2012 ވަނަ އަހަރުއެވެ. ޕޯޗުގަލުގެ ޕޯޓޯގައި ރޭ ކުޅުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނަޓްގައި ކައި ހާވާޓްސް ކާމިޔާބުކޮށްދިނީ މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ކައިރިން ކަޓުވާލުމަށްފަހުގައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ކައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މީގެއިތުރުންވެސް ލަނޑު ޖަހާނެ ހުސް ފުރުޞަތުތަކެއް ޗެލްސީއަށް ލިބިގެންގޮސްފައިވާއިރު، ޓީމޯ ވާނާ އަދި ކްރިސްޓިއަން ޕުލިސިޗަށް ލިބިގެންދިޔަ ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީއަށްވެސްވަނީ ގޯލެއް ޖަހަން ހުސް ފުރުޞަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ރަހީމް ސްޓާލިން އަށާއި ފިލް ފޯޑެންއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި އަނިޔާގެ ބޮޑެތި މައްސަލަތައް ދެޓީމަށްވެސްވަނީ ކުރިމަތި ވެފައެވެ. އެގޮތުން ޗެލްސީގެ ސެންޓަރ ބެކް ތިއާގޯ ސިލްވާ އަނިޔާގެ ސަބަބުން މެޗުގެ ފުރަތަމަ ހާފުގައި ބަދަލުކޮށްފައިވާއިރު، ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ކެޕްޓަން ކެވިން ޑިބްރައިނާވަނީ އަނިޔާގެ ސަބަބުން މެޗުގެ ދެވަނަ ހާފުގައި ބަދަލުކުރަން ޖެހިފައެވެ.

ރޭގެ ބައްޔާއެކު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ހޯދުމަށް ސިޓީން ކުރަމުންދާ އިންތިޒާރު އަނެއްކާވެސް މިވަނީ ދިގުދެމިގެން ގޮސްފައެވެ. ވޭތުވެދިޔަ އަހަރު ތަކުގައި ބޮޑު ޚަރަދުކޮށް ވަރަގަދަ ސްކޮޑެއް ސިޓީން އެކުލަވާލާފައިވާއިރު، އެންމެ ބޮޑަށް ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ މިފަހަރުގެ ޗެމްޕިއަންސް ލީގު ސިޓީން ކާމިޔާބުކުރާނެ ކަމަށެވެ. ރަނގަޅު ފޯމެއްގައި އޮތް ސިޓީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި ވަރުގަދަ ޕީއެސްޖީ ބަލިކުރުމަށް ފަހުގައެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ސިޓީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި މިއީ ޗެލްސީއާ ހަވާލުވުމަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ޕެޕް ގާޑިއޯލާގެ ސިޓީއާ ވާދަކޮށް މޮޅުވި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ޓުކެލް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ދަނޑުގައި ކުޅުނު މެޗާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ