އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގުގެ ފައިނަލްގެ ވޯޓް ލުން މިއަދު ފެށިއްޖެއެވެ.
ފައިނަލްގައި ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާޤު (ދަގަނޑޭ) ވާދަކުރަނީ ހޮންކޮންގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ޗަން ސިއު ކީ އާއިއެވެ.
ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައ ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.
ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.
މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި ބުރަ މަސައްކަތުންނެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ދަގަނޑޭ މިހާ ހިސާބަށް އައިސްފައިވާއިރު، މި ކާމިޔާބީގައި ދިވެހި ރައްޔިތުންގެ ދައުރު ބޮޑެވެ. ކޮންމެ މީހަކު ވެސް ދަގަނޑޭ އަށް ވޯޓުލުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރަމުން ގެންދިއުމަކީ ދިވެހީންގެ އެއްބައިވަންތަކަން މިފަދަ ކަންކަމުގައި ދައްކުވައިދޭ މިސާލެކެވެ.
ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް ފޯރު ގަދަ ކުޅިވަރެކެވެ. މި ކުޅިވަރުގެ ސަބަބުން މުޅި ޤައުމު އެއްގަލަކަށް އަރުވައެވެ. ދިވެހިންގެ ލޭ ކައްކުވާލައެވެ. ޖޯޝާއި ފޯރި، ޤައުމީ ލޮއެއްބާއި އެކުވެރިކަން ހިތުގައި އުފައްދައެވެ. ދިވެހިންގެ މެދުގައި ދަގަނޑޭ ފާހަގަ ކުރެވެމުން ދަނީ މި ސަރަހައްދުގެ އެންމެ މޮޅު ފުޓް ބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ކަމުން މި ޗެލެންޖްގައިވެސް މުޅި ޤައުމު އެކުވެ ދިވެހިން ނިކުމެފައިވަނީ ދަނގަނޑޭއަށް ފުރިހަމަ ކާމިޔާބީއެއް ހޯދައި ދިނުމަށެވެ.




