ސާފު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ރޭ ބައްދަލުކުރި މެޗުގައި ރާއްޖެ މޮޅުވުމަކީ ދިވެހިންނަށް ދިން ހަދިޔާއެއްކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވެފައިވަނިކޮށް ރޭ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފައިވަނީ ބަންގްލަދޭޝްއާ ދެކޮޅަށް 2-0 އިން މޮޅުވެގެންނެވެ. ރޭގެ މެޗު ވެގެންގޮސްފައި ވަނީ ރާއްޖެއަށް ވަރަށް މުހިއްމު މެޗަކަށެވެ.
ރޭގެ ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 10، ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ.
މެޗަށްފަހު ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ، މިއީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ދިވެހި ރައްޔިތުންނަށް ދޭ ގައުމީ ދުވަހުގެ ހާއްސަ ހަދިޔާއެއް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި ހުރި ދަގަނޑޭ މިރޭ ޖެހި ލަނޑަކީ މުބާރާތުގެ ތާރީހުގައި އޭނާ ޖެހި 21 ވަނަ ލަނޑެވެ.
ރޭ އެންމެ ހާއްސަ ވަގުތުކޮޅަކަށް ފެނުނީ ދަގަނޑޭގެ ރީތި ގޯލަށްފަހު އެދިޔަގޮތަށް ގޮސް ކޯނަރު ދަނޑި ކައިރިއަށް އެއްލި ބުރެވެ. މިއީ ދަގަނޑޭގެ ޓްރޭޑްމާކް ގޯލް ސެލެބްރޭޝަނެވެ.



