ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ.
ދަގަނޑޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު، ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ޓްރެއިނިން ކޭމެޕެއް ފުރިހަމަކުރަމުން ދަނިކޮށެވެ.
ދަގަނޑޭ ކޮވިޑް-19 އިން ރަނގަޅުވެފައިވާކަން ހާމަކުރަމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ކޮވިޑް-19 އިން ރަނގަޅު ވެފައިވާ ކަމަށާއި ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތައް ކުޅުމަށް ގައުމީ ޓީމާއި މާދަން ގުޅޭނެ ކަމަށެވެ.
ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިރޭ 09:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ރާއްޖެ ނިކުންނަނީ ސީރިއާ އާއި ދެކޮޅަށެވެ.
މި މެޗަށްފަހު ދެން ޗައިނާއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗު ކުޅޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އައަށްފަހު ރާއްޖެ ކުޅޭނީ ފިލިޕީންސް އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.




