ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ކަމާބެހޭ އިދާރާތައް އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ: އެމްއާރުއެމް

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ކަމާބެހޭ އިދާރާތައް އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމްއިން މިހެން ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ ތަޙުނިޔާ ފޮނުވި މެސެޖުގައެވެ. އެގޮތުން ބުނީ،
މީގެ ކުރީއަހަރުތަކާ ޚިލާފަށް، ކޯވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީހުންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކާއެކު އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާވެސް މިވަނީ އިތުރުވެފައިވާކަމަށެވެ.

އަދި މީގެތެރެއިން ރާއްޖެވެސް ވަކިން އިސްތިސްނާ ނުވާކަމަށާއި، މިއަހަރުގެ ތަފާސް ހިސާބުތަކުން އެކަން ކަށަވަރުވާކަމަށްވެސް އެމްއާރުއެމްއިން ބުންޏެވެ.

ފުރަބަންދާއެކު ގޭތެރޭގައި ބަންދުވެފައި ތިބެންޖެހުމުން ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިންސީގޮތުން އަނިޔާގެ ޝިކާރައަށްވާ އަންހެނުންގެ އަދަދުތައް ދަނީ އިތުރުވަމުންކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭއިރު، މިބާވަތުގެ އަނިޔާ ލިބޭ މީހުންނަކީ މުޅި އުމުރަށްވެސް އެކަމުގެ ނޭދެވޭ އަސަރު ތަޙައްމަލު ކުރަންޖެހޭ ބައެއްކަމަށާއި، ޞިއްޙީ އަދި ނަފްސާނީ މައްސަލަތަކުން އަރައިނުގަނެވި، އޭގެ ސަބަބުން އެމީހުންގެ އާޢިލާތަކަށް ނިކަމެތިކަން ލިބޭކަމަށްވެސް އެމްއާރުއެމްގެ މެސެޖުގައިވެއެވެ.

އަދި އެކަމުގެ ސަބަބުން މަސައްކަތްކުރުމުގެ ރޫޙާއި ހިތްވަރު ނެތިގެންދާކަމަށާއި، ނަތީޖާއެއްގެ ގޮތުން، އޭގެ ނޭދެވޭ އަސަރު ޤަޢުމީ އުފެއްދުންތެރިކަމަށްވެސް ފޯރާކަމަށްވެސް ބުންޏެވެ.

އެމްއާރުއެމްއިން ބުނީ ކަން މިހެން އޮތްއިރު، އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކޮށް އަނިޔާގެ ނުރައްކަލުން ޤަޢުމު ސަލާމަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިއްމާއެއް ނޫންކަމަށް ހެދޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އަނިޔާ ހުއްޓުވުމަށް ޤާނޫނުތައް ހެދިފައިވީނަމަވެސް އެ ޤާނޫނުތަކަށް އަމަލީ ސިފަ ގެނެވޭނީ، ދަޢުލަތުގެ މުޢައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތައްފަދަ މުޖުތަމަޢުގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެންކަން އެއީ ބަޙުސެއް އޮތްކަމެއް ނޫންކަމަށެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ، އަނިޔާ ކުރުމުގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމާއެކު، އަނިޔާގެ މައްސަލަތައް އަވަހަށް އަދި ފަސޭހައިން ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، މައްސަލަތައްބަލައި ހަލުވިކަމާއެކު އިންސާފު ހޯދައިދިނުމުގެ ނިޒާމު ހަރުދަނާކޮށް، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމަށްވާތީ އެކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެމް.އާރު.އެމް އިންވަނީ އިލްތިމާޞްކޮށްފައެވެ.

އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަފަރާތްތަކާއި، އ.ދގެ ގުނަވަންތައްވެސް ގުޅިގެން މަސައްކަތް ކުރުމުގެ މަގްޞަދުގައި 2008 އިން ފެށިގެން ދުނިޔޭގައި ހިންގަމުން އަންނަ ޔުނައިޓް ކެމްޕޭނުގެ 16 ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެމްއާރުއެމްގެ އަމާޒުކަމަށްވެސް އެޕާޓީންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ