އެޓަލާންޓާއިން ލިވަޕޫލް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު އިޓަލީގެ އެޓަލާންޓާއިން ކާމިޔާބުކޮށްފިއެވެ.

އެންފީލްޑްގައި ކުޅުނު މިމެޗުގައި ލިވަޕޫލްގެ މައްޗަށް އެޓަލާންޓާއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިދިކޮޅުގެ ގޯލަށް ނުރައްކާވާ ގިނަ ހަމަލާތަކެއް އުފެއްދިފައިވާއިރު، ލިވަޕޫލުން ރޭގެ މެޗު ނިންމާލާފައިވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވިކަން ފާހަގަކޮށްލެވެއެވެ.

އެޓަލާންޓާގެ ދެލަނޑުވެސް މެޗުގ ދެވަނަ ހާފުގައި ފެނިގެންގޮސްފައިވާއިރު، 60 ވަނަ މިނަޓްގައި ފެނިގެންދިޔަ އެޓަލާންޓާގެ ފުރަތަމަ ލަނޑަކީ ގޮމޭޒް ހުރަސްކޮށްދިން ބޯޅައަކުން ޖޮސިޕް ލިސިޗް ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަތަރު މިނަޓްފަހުން ރޮބިން ގޮސެންސް ވަނީ އެޓަލާންޓާއަށް ލީޑު ފުޅާކޮށްދީފައެވެ.

އެޓަލާންޓާގެ ދެވަނަ ލަނޑަށްފަހު ލިވަޕޫލުން ގޭމް ބަދަލުކޮށްލަން ޓީމަށް ބަދަލުތަކެއް ގެނައި ނަމަވެސް ފޯމުގައި ކުޅެމުންދިޔަ އެޓަލާންޓާއިންވަނީ ލިވަޕޫލްގެ ހަމަލާތައް ހިފެހެއްޓުމުގައި ކުރި ހޯދައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ކްލޮޕް ބުނީ، މިއީ އުނދަގޫ މެޗެއްކަމަށާއި، ނުކުތް ނަތީޖާއާއި ދޭތެރޭ ކުރެވޭނެ އިތުރު ކަމެއް ނެތްކަމަށެވެ. އަދި ކުޅުންތެރިޔަކަށް އިތުރު އަނިޔާއެއް ނުލިބި މެޗު ނިންމާލެވިފައިވާތީ ކްލޮޕްވަނީ އެކަން ފާހަގަކޮށްފައެވެ. ލިވަޕޫލަށް މިސީޒަންގައި އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ލިވަޕޫލުން މެޗުތައް ކުޅެމުން އަންނަނީ މުހިންމު ބައެއް ކުޅުންތެރިން ނުހިމަނައެވެ.

ރޭގެ މެޗުން ބަލިވިނަމަވެސް ގްރޫޕް ސްޓޭޖުގެ ބާކީ އޮތް ދެމެޗުގެ ތެރެއިން އެއްމެޗު ކާމިޔާބުކޮށްގެން ލިވަޕޫލަށް އަނެއް ބުރަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ލިވަޕޫލުން ގްރޫޕް ޑީ ގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް އަޔޭކްސް އަށާއި ތިންވަނާގައި އޮތް އެޓަލާންޓާއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

ދެން އޮތް މެޗުގައި ލިވަޕޫލް ނުކުންނާނީ ދެވަނާގައި އޮތް އަޔޭކްސްއާއި ދެކޮޅަށެވެ. މިމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެންފީލްޑްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ