ރޭވުން (04)

(ތިންވަނަ އަދަދާއި ގުޅޭ)

"ޖީޒާ ކީއްވެ ޝުބާއާ މެދު ހިތްހަމަ ނުޖެހެނީ؟" ތަފްސީލު ބޭނުންވާތީ ޚާލިދު އިތުރު ސުވާލެއްކޮށްލިއެވެ.

"އެއީ..... ޝުބާގެ މަސައްކަތްތަކާމެދު ވެރިން ހިތްހަމަ ޖެހޭތީ. އަދި ޖީޒާއަށްވުރެ އަވަހަށް ކުރިއެރުން ލިބޭތީ." މިފަހަރު ޖަވާބުދިން އިރު ޒާޔާ ކަމެއް ފޮރުވާހެން ޚާލިދަށް ހީވިއެވެ. ނަމަވެސް ޚާލިދު އިތުރަށް އެވާހަކައެއް ނުދައްކައެވެ.

ޒާޔާ ފޮނުވާލުމަށްފަހު ޚާލިދު ދެން ދިޔައީ ޙާދިސާ ހިނގި ގެއަށެވެ. ކޮޓަރިތެރެއާއި ފާޚާނާތެރެ އަލުން ބަލާލުމުގެ ނިޔަތުގައެވެ. ޝުބާގެ އިނގިލިން މަދުވާ ނިޔަފަތިގަނޑު ކޮންމެވެސް ތާކު ވާނެކަމުގައި އޭނާގެ ހިތް ބުނަމުންދިޔައެވެ. އެތަނުގައި އެ ނިޔަފަތިގަނޑު ނެތްނަމަ އޮތް ތާކުން ހޯދުން ވަރަށް މުހިންމެވެ.

ޚާލިދު ގޮސް ޝުބާ މަރާލާފައި އޮތް ފާޚާނާއާއި ކޮޓަރިތެރެ އެއް ފުށުން އަނެއް ފުށަށް ޖެހި އިރުވެސް އެ ނިޔަފަތިގަނޑެއް ނުފެނުނެވެ. އެކަމާ މާޔޫސްވެގެން އޭނާ ކޮޓަރިން ނުކުތްއިރު ސިޓިންގ ރޫމްގައި ހުރި ސޯފާގައި ޒާހިދާ އިންދާ ފެނުނެވެ.

"ދައްތާ. ޝުބާ ކައިރިން އެދުވަހު އެއްވެސް ނިޔަފަތިގަނޑެއް ފެނުނުތޯ؟" ޚާލިދު ޒާހިދާ ކައިރިން އަހާލިއެވެ.

"ކޮން ނިޔަފައްޗެއް؟" ޖަވާބުގައި ޒާހިދާވެސް ކޮށްލީ ސުވާލެކެވެ. ޒާހިދާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމައާއި މާޔޫސްކަމެވެ.

"ޝުބާގެ ކަނާއަތުގެ ޝަހާދަތް އިނގިލީގެ ނިޔަފަތިގަނޑު މަދު." ޚާލިދު ތަފްސީލު ދިނެވެ.

"ސުބުޙާނަﷲ!" އަނގަމަތީގައި ކަނާއަތް އަޅާލަމުން ޒާހިދާއަށް ބުނެވުނެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ބިރުވެރިކަމެވެ.

ޖެހިގެން އައި ދުވަހު ސުވާލު ކުރުމަށްޓަކައި ފުރަތަމަ ގެނެވުނީ ދީމްއެވެ. ދީމްއާވެސް ފުރަތަމަ ކުރެވުނު ސުވާލަކީ ޝުބާއަށް އެފަދަ ބޮޑު އަނިޔާއެއް ދޭނެކަމަށް ޝައްކު ކުރެވޭ މީހަކު އޭނާގެ ނަޒަރުގައި ހުރިތޯއެވެ.

"ނޫން. ޝުބާއަކީ މީހުންނާ ވަރަށް ގުޅޭ، ހިތްހެޔޮ ކުއްޖެއް. އަޅުގަނޑަށް އެނގިގެން ޝުބާއަށް ނަފުރަތު ކުރާ މީހަކު ނެތް." ޖަވާބު ދިން އިރު ދީމްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.

"ދީމްގެ އަންހެނުން ހިދާޔާއާ ޝުބާގެ ގުޅުން ކިހިނެއް؟" ޒާޔާގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި ޚާލިދު ކުރިއަށް ދިޔައެވެ.

"ގުޅުން ގޯހެއް ނޫން." މިފަހަރު ދީމްގެ ނިތްކުރިން ދާހިއްލާލިއެވެ.

"އެކަމަކު އަޅުގަނޑަށް މަޢުލޫމާތު ލިބިފަ އޮތް ގޮތުން އެދެމީހުންގެ ގުޅުން އެހާ ރަނގަޅެއް ނޫން." ދީމްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކަށް ފަރުވާތެރިކަމާއެކު ބަލަން އިނދެގެން ޚާލިދު ބުންޏެވެ. ނަމަވެސް އެ މަޢުލޫމާތަކީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއް އޭނާއަށް އަދި ޔަޤީނެއް ނޫނެވެ.

"ހިދާޔާއަކީ ސިނގު ރުޅިއެއް ގެންގުޅޭ މީހެއް. އެކަމަކު އޭނާއަކީ މީހަކަށް އެހާ ބޮޑު އަނިޔާއެއް ދޭނެ މީހެއް ނޫން." ހިދާޔާގެ ދިފާޢުގައި ދީމް ބުންޏެވެ. ހިދާޔާއަކީ ދީމްގެ އަންހެނުންނެވެ. ހުރި ހަމައެކަނި ދަރިފުޅުގެ މަންމައެވެ. އެހެންކަމުން ހިދާޔާގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅެން ދީމް ބޭނުން ނުވާނެކަން ޚާލިދަށް އެނގެއެވެ. އެހެންކަމުން ދީމްއާ އިތުރަށް ކިތަންމެ ވަރަކަށް އެ މަޢުޟޫއަށް ވާހަކަދެއްކި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީ އެހިސާބުން ދީމްއާ ސުވާލުކުރުން ހުއްޓާލިއެވެ.

ދީމް ފޮނުވާލާފައި ދެން ގެނެވުނީ ޒާހިދާއެވެ. އޭރު ޒާހިދާގެ މޫނުމަތިން ފެންނަން ހުރީ ޖެހިލުންވުމާއި ފަސްޖެހުމެވެ. ޒާހިދާއާވެސް ފުރަތަމަ ކުރެވުނީ ޒާޔާ އަދި ދީމްއާވެސް ފުރަތަމަ ކުރެވުނު ސުވާލެވެ. އެ ސުވާލުގެ ޖަވާބަކަށް ޒާހިދާވެސް ބުނީ ޝުބާއަށް އެހާ އިހާނެތިކޮށް ހިތައިފާނެ މީހަކު ހުރިކަން ނޭނގޭކަމެވެ.

"ހިދާޔާއާ ޝުބާގެ ގުޅުން ކިހިނެއްތޯ؟" ޒާހިދާ އިން ޙާލަތު ވިސްނޭތީ ޚާލިދު ސުވާލުކުރީ ވަރަށް އޯގާތެރިކޮށެވެ. އެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.

"ހިދާޔާ ޝުބާއާ އެހާ ގަޔާއެއް ނުވޭ. އެއީ ހިދާޔާގެ މިޒާޖުގެ ގޮތުން. ހިދާޔާއަކީ މީހުންނާ ގުޅިގެން އުޅެން އެނގޭ ކުއްޖެއް ނޫން. އެކަމަކު އެއީ ގޯސް ކުއްޖެއް ނޫން. އަޅުގަނޑަކަށް ހިޔެއް ނުވޭ ހިދާޔާއަށް މީހަކަށް އެހާ ބޮޑު އަނިޔާއެއް ދޭން ކެރިދާނެހެންނެއް." ޒާހިދާ އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.

ދެން ގެނެވުނީ ޝުބާގެ މަންމަ ޝިޔާނާއެވެ. އަދި އެއަށްފަހު ޝުބާގެ ބައްޕައާއި ބޭބެވެސް ވަކިވަކިން ގެނަސް ސުވާލު ކުރެވުނެވެ. އެ ހުރިހާ މީހުންގެ ޖަވާބުވެސް އެއްގޮތެވެ. ޝުބާއަށް އެވަރުގެ އަނިޔާއެއް ދޭނެ މީހަކު އެމީހުންގެ ސިކުނޑިއަކަށްވެސް ނަޔެވެ. އަދި ހިދާޔާ ޝުބާއާ ގަޔާނުވާކަން އެނގުނު ނަމަވެސް އެވަރުގެ ބޮޑު ދެރައެއް ދޭން ކެރިދާނެކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.

މަޢުލޫމާތު ހޯދުމަށްޓަކައި ޙާދިސާ ހިނގި ގެ ކައިރި ދެ އަވަށްޓެރިއަކުވެސް ގެނެވުނެވެ. އަދި އެގޭތެރޭގެ ކަންތައްތައް އެމީހުންނަށް ފެނިފައިވާ ގޮތް ސިފަކޮށްދިނުމަށް ޚާލިދު އެދުނެވެ. އެމީހުން ބުނި ގޮތުންނަމަ އެއީ ވަރަށް ހަމަޖެހިގެން އުޅޭ ޢާއިލާއެކެވެ. މީހުންނަށް ހެޔޮ އެދޭ އަދި ކަމަކު އެދިގެން މީހަކު ގޮސްފިނަމަ އަބަދުވެސް އެހީވާ ބަޔެކެވެ. ޚާއްސަކޮށް ޝުބާގެ ހިތްހެޔޮކަމާއި މުރާލިކަމުގެ ވާހަކަ އެމީހުން ފާހަގަކުރިއެވެ. އަދި ޝުބާއަށް އެހެން ހެދި މީހަކު ހޯދައިދިނުމަށްވެސް އެދުނެވެ. ހިދާޔާއާ ބެހޭގޮތުން ސުވާލުކުރުމުން އެމީހުން ބުނީ ހިދާޔާ މީހުންނާ ނުގުޅޭ ގޮތެއް ހުރި ނަމަވެސް އޭނާއަކީވެސް ގޯސް ކުއްޖެއް ނޫންކަމުގައެވެ.

ދެން ގެނެވުނީ ހިދާޔާއެވެ. އޭނާ އިނީ ވަރަށް ނުތަނަވަސްވެފައެވެ. ގާތް މީހުންނަށް ރުޅި މޫނު ދައްކާ، ގަދަ ހަދާލާފައި އުޅުނު ނަމަވެސް ޚާލިދުގެ ކުރިމަތީގައި އޭނާ އިނީ ބިރުން ވިރިވިރިއެވެ.

"ޝުބާދެކެ ހިދާޔާ ރުޅި އަންނަނީ ކީއްވެ؟" ތަންކޮޅެއް ހަރުކަށި ރާގެއްގައި ޚާލިދު ސުވާލުކޮށްލިއެވެ.

"އަޅުގަނޑު ރުޅިއެއް ނާންނަން." ބިރުން އިންވަރުން ހިދާޔާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ކީ އެއްޗެއް ޚާލިދަށް ސާފުވީ ވަރަށް ވިސްނައިގެން އިނީމައެވެ.

"އެކަމަކު ތިގޭތެރޭގެ ކަންކަން ދަންނަ އެންމެންވެސް ބުނީ ހިދާޔާއާ ޝުބާގެ ގުޅުން އެހާ ރަނގަޅު ނޫންކަމުގަ." ވަރަށް ސާބިތުކަމާއެކު ޚާލިދު ބުންޏެވެ. ޚާލިދުގެ އަޑުގައި ހުރި ހަރުކަށިކަމުން ހިދާޔާ އިނީ ސިހިސިހިއެވެ.

"އަސްލު އަޅުގަނޑު ޝުބާދެކެ ރުޅިއެއް ނާދޭ. އެކަމަކު މައިދައިތަ ޝުބާދެކެ މާ ލޯބިވާހެން ހީވާތީ އަޅުގަނޑަށް ޙަސަދަވެރިވެވެނީ........ އެކަމަކު އަޅުގަނޑެއް ނޫން ޝުބާ މަރާލީ." ކިތަންމެ ބިރުން އިންނަމަވެސް ހިދާޔާ އޭނާގެ އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

އެހިސާބުން ހިދާޔާވެސް ފޮނުވާލިއެވެ. ދެން ގެނެވުނީ އޮފީހުގައި ޝުބާއާ ޖައްސާލައިގެން އުޅޭކަމަށް ޒާޔާ ބުނެފައިވާ ޖީޒާއެވެ.

"ޝުބާއަކީ އެންމެން ތި ހީކުރާހާ މާތް މީހެއް ނޫން." ޖީޒާގެ އަޑުގައި އެއްވެސް ޖެހިލުމެއް ނުވެއެވެ. އެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"އޭނާގެ ފަތިފުށް އެނގޭނަމަ އެކަކުވެސް އޭނާގެ ދިފާޢުގަ މިއަދު ނޫޅުނީސް." އަނެއްކާވެސް ޖީޒާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

"އެއީ ކީއްވެ؟" އިތުރަށް އޮޅުންފިލުވުމަށްޓަކައި ޚާލިދު ސުވާލުކޮށްލިއެވެ. މި ލިބުނު މަޢުލޫމާތު މުޅިން އަލެވެ. މިހާތަނަށް އެންމެންވެސް ދެއްކީ ޝުބާގެ ރަނގަޅު ވާހަކައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ