ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ހާތިފް އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް، ކ. މާލެ، ޑޭޒީފެހި، އަލްއުސްތާޛު ހާތިފް ޙިލްމީ އައްޔަން ކުރައްވައިފިއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދުމަށް ކުރި އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމެޓީ" އިން އިންޓަވިއުކުރުމަށްފަހު ޖޭއެސްސީއަށް ހުށައަޅާފައިވާ ރިޕޯޓްގައި ވާ ގޮތުގެ މަތިން ހާތިފް ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެގޮތުން ހާތިފް ޙިލްމީއަށް ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ޖޭއެސްސީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ޙުސައިންއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަނުކުރި އަލްއުސްތާޛު ހާތިފް ޙިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ލޯ ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ހާތިފް ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 1 އަހަރު ހާތިފް ޚިދުމަތް ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ