ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލްގައި ރޭ ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު ސްވިޒަލެންޑް އަތުން މޮޅުވެ ޕޯޗުގަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެސްޓޭޑިއޯ ޑޯ ޑްރަގާއޯގައި ކުޅެވުނު މިމެޗު ޕޯޗުގަލް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ.
ސްވިޒަލެންޑް މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރު ބެލުމަށްފަހު ދިން މިޕެނަލްޓީ ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ރޮޑްރިގޭޒްއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށް އޮވެ ނިމެންދަނިކޮށް ނަތީޖާ ޕޯޗުގަލް ކޮޅަށް އެނބުރުނީ ފަހު ތިން މިނަޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑާއެކުގައެވެ.
ފައިނަލްގައި ޕޯޗުގަލްއާއި ބައްދަލުކުރާނެ ޓީމެއް ޔަޤީންވެގެންދާނީ މިރޭ ނެދަލޭންޑާއި އިންގްލޭންޑާއި ބައްދަލުކުރާ މެޗަށްފަހުގައެވެ. މިދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.




