ރުޅި އައިސްގެން ރޮނާލްޑޯ އެއްލާލި ބޭންޑުން ނުކުޅެދޭ ތުއްތު ކުއްޖަކަށް އެހީވަނީ!

ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އިން ފަހަތުން އަރައި 2-2 އިން ޕޯޗުގަލްއާ އެެއްވަރުކުރި މެޗުގައި ރުޅި އައިސްގެން ކްރިސްޓިއާނޯ ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑު ވިއްކާލައިގެން ނުކުޅެދޭ ތުއްތު ކުއްޖަކަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ދަނޑު މައްޗަށް ރޮނާލްޑޯ ކެޕްޓަން ބޭންޑު އެއްލާލާފައިވަނީ ފަހު ވަގުތު އޭނާ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި މެޗަށްފަހު އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރޮނާލްޑޯ ބުނީ، ބައެއް ކަހަލަ ވަގުތުތަކުގައި މުޅި ގައުމަށް އަދަބު ލިބޭ މި ކަހަލަ ކަންތައްތައްވުމުން ހަޖަމްކުރަން އުނދަގޫވާނެކަމަށެވެ.

ރިޕޯރޓްތައް ބުނާ ގޮތުން ރޮނާލްޑޯ އެއްލައިލި މި ކެޕްޓަން ބޭންޑް، ދަނޑުގައި މަސައްކަތްކުރާ މީހަކު ހޮވުމަށްފަހުވަނީ ކުޑަ ކުދިންނަށް އެހީތެރިވެދޭ ޖަމްޢިއްޔާއަކަށް ހަދިޔާކޮށްފައެވެ. އަދި ތުއްތު މިކުއްޖާއަށް އެހީތެރިވުމަށް އެޖަމްޢިއްޔާއިން ފަންޑު ރައިޒްކުރުމުގެ ގޮތުން މި ބޭންޑު ނީލަމަށްލާފައިވާއިރު، ނީލަމަށް ލީތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިބޭންޑު ޤައުމީ ރެކޯޑެއް ހަދާފައިވާކަމަށްވެސް ސާބިއާގެ ބައެއް ނޫސްތަކުގައި ރިޕޯރޓްކޮށްފައިވެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މިނީލަމުގައި، އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މިބޭންޑު ވިއްކާލަން ހަމަޖެހިފައިވާއިރު، ތިންދުވަހުގެ މުއްދަތަކަށް މިނީލަން ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން "ސްޕައިނަލް މަސްކިއުލާ އެޓްރޮފީ"ގެ ސަބަބުން ބޮޑު ސާޖަރީއެއް ހަދަން ޖެހިފައިވާ ސާބިއާގެ އެންމެ ހަމަހުގެ ތުއްތު ތުއްތު މިކުއްޖާއަށް ރޮނާލްޑޯ އެއްލައިލި މިބޭންޑުވަނީ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ އެއްޗަކަށް ވެފައެވެ.

މިލިޔުން ކިޔާލުމުން
117921
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ