އާ ބެޓްމޭން އަކީ "ރޮބަޓް ޕެޓިންސަން"

ކާމިޔާބު ބެޓްމޭން ސިލްސިލާގެ ކުރިއަށް ނިކުންނަން އޮތް ފިލްމްގެ ބެޓްމޭން ރޯލު ކުޅުމަށް "ޓްވިލައިޓް"ގެ ތަރި "ރޮބަޓް ޕެޓިންސަން" ހަމަޖައްސައިފިއެވެ.

"ބްރޫސް ވޭން" ގެ ރޯލު ކުޅުމަށް ރޮބަޓް ހަމަޖައްސައިފައިވާކަން މި ފިލްމް އުފައްދާ ކުންފުނި "ވާނާ ބްރޯސް" އިން ރަސްމީކޮށް އިއުލާކޮށްފައިވާއިރު، މީގެކުރިންވެސް ޕެޓިސަން މި ރޯލަށް ހަމަޖައްސާފައިވާކަމުގެ ހަބަރުތައް ވަނީ ފެތުރިފައެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުން "މެޓް ރީވްސް"ގެ ކުރިއަށް އޮތް ބެޓްމޭން ސުޕަހީރޯ ފިލްމް ކުޅުމަށް ޕެޓިސަން މިހާރު ސޮއިވެސް ކޮށްފައިވާއިރު، މި ފިލްމް ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖޫން 25 އެވެ.

33 އަހަރުގެ ޕެޓިސަން އަށް އޭނާގެ ފިލްމީ ކެރިއަރުގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވަނީ، ޓްވިލައިޓް ގެ ސިލްސިލާ ފިލްމްތަކުގައި ކުޅެފައިވާ ވެމްޕަޔަރ ރޯލު، "އެޑްވާޑް ކުލެން" ގެ ރޯލުންނެވެ.

ވާނާ ބްރޯސް އިން ޕެޓިސަން ބެޓްމޭންގެ ރޯލަށް ހަމަޖައްސައިފައި މިވަނީ، މި ރޯލު ކުރިން ކުޅުނު އެކްޓަރު "ބެން އެފްލެކް" ދެން މި ރޯލުން ނުފެންނާނެކަން އޭނާ ކަށަވަރުކޮށްދީފައިވަނިކޮށެވެ.

އާ ބެޓްމޭން ގެ ރޯލު ކުޅުމަށް ޕެޓިސަން ހަމަޖައްސައިފައިވާއިރު، ކުރިއަށް އޮތް ބެޓްމޭން ފިލްމްގައި "ކެޓް ވޮމެން" ގެ ރޯލު ކުޅޭނީ "ހައި ސްކޫލް މިއުސިކަލް" އިން ވިދާލި ތަރި "ވެނީސާ ހަޖެން" ކަމަށްވެސް ހަބަރުފެތުރިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ