އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ބްރައިޓަންގައި ކުޅުނު މިމެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާ އަކުންނެވެ.
ވީއާރުގެ އެހީގައި މުހިންމު ބޮޑެތި ނިންމިތައް ފެނިގެންދިޔަ މިމެޗުގައި ވީއޭއާރު ބެލުމަށްފަހު ލިވަޕޫލްގެ ދެގޯލެއް ކެންސަލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުޞަތު ލިބިގެންދިޔައީ ބްރައިޓަންއަށެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ކައުންޓަރ އެޓޭކް ބޯޅައެއްގައި އެކަނިމާއެކިނި އަރާ ޕެނަލްޓީ އޭރިއާ ބޭރުން ކޮނޮލީ ފޮނުވާލި މިހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ އަރިމަތިން ބޭރަށެވެ. އަދި އޭގެފަހުން ކޮނޮލީއަށް ކުރި ފައުލަކާއި ގުޅިގެން ބްރައިޓަންއަށް ޕެނަލްޓީއެއް ލިބުނެވެ. ލިވަޕޫލްގެ ވިލިއަމްސް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ މައުޕޭ ފޮނުވާލާފައިވާއިރު، ބޯޅައި ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އަދި އޭގެ ތިންމިނަޓް ފަހުން މައުޕޭވަނީ ބަދަލުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން ޖަހާފައިވާއިރު، 60 ވަނަ މިނަޓްގައި ޑިއޯގޯ ޖޯޓާ މިލަނޑު ޖަހާފައިވަނީ ބްރައިޓަންގެ ތިން ޑިފެންޑަރުން ކަޓުވާލުމަށްފަހުގައެވެ.
The Seagulls snatch a late point but the champions still return to the top of the #PL table ????#BHALIV pic.twitter.com/wqEsHNdO9W
— Premier League (@premierleague) November 28, 2020
މެޗުގެ އިތުރު ވަގުތުގައި ބްރައިޓަންއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ގެންނެވެ. އޭރިއާތެރެއިން ވެލްބެކް ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ރޮބާޓްސަން ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ޕާސްކަލް ކާމިޔާބުކޮށްފައިވަނީ މެޗުގެ 93 ވަނަ މިނަޓްގައެވެ.
ވީއޭއާރު ބެލުމަށްފަހު ދިން މިޕެނަލްޓީ ކާމިޔާބުކުރުމާއެކު މެޗު ނިމިގެން ގޮސްފައިވާއިރު، މިނަތީޖާއާއެކު 16 ވަނާގައި އޮތް ބްރައިޓަންވަނީ 15 ވަނާގައި އޮތް ލީޑްސްއާއި އެއް ޕޮއިންޓް ގާތަށް ޖެހިލާފައެވެ. އަދި މިނަތީޖާއާއެކު ތާވަލްގެ އެއްވަނައަށް ލިވަޕޫލްވަނީ އަރާފައެވެ. ނަމަވެސް ލިވަޕޫލަށް މިމަޤާމު ލިބެނީ އެއްމެޗު އިތުރަށް ކުޅެގެންނެވެ.




