ޓުޗެލްގެ އިރުޝާދުން ޗެލްސީއަށް ފުރަތަމަ މޮޅު

އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ފުރަތަމަ ފަހަރަށް މޮޅު ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މިރޭ ބާންލީއާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ދެވަނަ މެޗެވެ. ވޯލްވްސްއާއި ދެކޮޅަށް ޗެލްސީ ކުޅުނު ފުރަތަމަ މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.

ސްޓެމްފޯޑު ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ ޑިފެންޑަރު އަޒްޕިލިކުއެޓާއެވެ. މެޗުގެ 40 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ހަޑްސަންގެ ޕާހަކުން ގޯލްގެ އަރިމަތިން އަޒްޕިލިކުއެޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަވަރަކަށް މިނަޓަށްވެފައި ވަނިކޮށް ޑިފެންޑަރު މާކޯސް އަލޮންސޯ ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ޕުލިސިޗް ހުރަސްކޮށްދިން ބޯޅައެއް ހިތްގައިމުކަމާއެކު މެއިން ކޮންޓްރޯލް ކޮށް އަދި ފައިން ސެޓްކޮށްލުމަށްފަހު ބިމުގައި ނުޖެހެނީސް ފޮނުވާލި ބާރު ބޯޅައަކުން ކާމިޔާބުކުރި ރީތި ލަނޑަކުންނެވެ.

ކުރިން ޕީއެސްޖީއަށް ކޯޗު ކޮށްދިން އުމުރުން 47 އަހަރުގެ ޓުޗެލްއަށް ޗެލްސީގެ ކޯޗުކަން ދީފައިވަނީ ލަމްޕާޑު ވަކިކުރުމަށްފަހުގައެވެ. މިއީ ސީޒަނެއްގެ މެދުތެރެއިން ޗެލްސީއާ ހަވާލުވި ފަސްވަނަ ކޯޗެވެ.

21 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ 7 ވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ