ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ މަންމަ މަރު ވެއްޖެއެވެ.
ކްލޮޕްގެ މަންމަ އެލިސަބަތު ކްލޮޕް މަރުވެފައިވަނީ އުމުރުން 81 އަހަރުގައެވެ. ނަމަވެސް މިމަރާ ގުޅޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއްނުވެއެވެ. ހިތާމަޔަކީ ކޮވިޑާއި ގުޅިގެން އިންގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޔާގެން ކޮލަޕަށް އޭނާގެ މަންމަގެ ޖަނާޒާގައި ބައިވެރިވެވެން ނެތުމެވެ.
ކްލޮޕްގެ މަންމައާއި ބައްޕަ ކައިވެނިކޮށްފައިވަނީ 1960 ގައެވެ. އަދި އެދެމަފިރިންނަށް ތިންދަރިން ލިބިފައިވާއިރު، ޔާގެން ކްލޮޕަކީ އެތަނުން އެންމެ ހަގު ދަރިއެވެ. މިތިން ކުދިންގެ ބައްޕަ ނޯބާޓު 2000 ވަނަ އަހަރު މަރުވެފައިވާއިރު އުމުރަކީ 66 އަހަރެވެ.
You’ll Never Walk Alone, Jürgen ❤️ pic.twitter.com/mjgSmXZWgn
— Liverpool FC (@LFC) February 10, 2021
ޖަރުމަނީގެ މެއިންޒުން ކޯޗިން ކެރިއަރުފެށި ކްލޮޕް އެކްލަބުގައި 8 ސީޒަން ހޭދަކުރުމަށްފަހު ބްރޯސިއާ ޑޯޓުމުންޑަށް ބަދަލުވީ 2008 ވަނަ އަހަރުއެވެ. އަދި ޑޯޓުމުންޑުގައި 7 އަހަރު ހޭދަކުރުމަށްފަހު މިހާރުގެ ކްލަބުގެ ލިވަޕޫލާއި ގުޅުނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ކޯޗިން ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލޮޕް ޑޯޓުމުންޑާއެކު ޖަރުމަން ސުޕަރކަޕް ދެ ފަހަރު، ޖަރުމަނު ކަޕް އެއްފަހަރ އަދި ޖަރުމަން ބުންޑެސްލީގާ ދެފަހަރު ކާމިޔާބުކޮށްފައިވެއެވެ. މިހާރުގެ ކްލަބު ލިވަޕޫލާއެކު ކްލޮޕް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، އޭނާވަނީ ލިވަޕޫލްއާއެކު 1 ޗެމްޕިއަންސް ލީގު، 1 ޕްރިމިއާ ލީގު އަދި ޔޫއެފާ ސުޕަރކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ލިވަޕޫލާއެކު ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަޤާމު ދެފަހަރެއްގެ މަތިން ކްލޮޕް ހޯދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.




