ދިވެހި ފުޓްބޯޅައިގެ ފޯރި މަޑުވެފައިވާ ދުވަސްވަރެއްގައި އަނެއްކާވެސް މިފޯރި ދިވެހިންގެ ތެރޭގައި އިތުރުވެ އާލާވާން ފަށައިފައި މިވަނީ އޭއެފްސީ ކަޕުގެ އޮފިޝަލް ޕޭޖުން ކުރިއަށް ގެންދާ އޭއެފްސީ ކަޕުގެ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގައި ރާއްޖޭގައި އުފެެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހޯދަމުންދާ ކާމިޔާބީއާއި ގުޅިގެންނެވެ.
މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު މި މުބާރާތުގައި އަޝްފާގުވަނީ މިހާތަނަށް ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭއެފްސީން ބުނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ދަގަނޑޭ އަށް ކޮންމެ ފަހަރަކު ލައްކަ އަކަށް ވުރެ ގިނަ ވޯޓު ލިބޭ ކަމަށެވެ. މިހާރު ކުރިއަށްދާ ފައިނަލް ބުރުގައިވެސް ދަގަނޑޭ އަދި އޮތީ ވަރަށް ބޮޑު ލީޑަކާއެކު ކުރީގައެވެ.
ދަގަނޑޭއަކީ އެއްވެސް ޝައްކެއް ނެއްގޮތުގައި ދިވެހިންގެ ފަހުރެވެ. ދަގަނޑޭ ދައްނަ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ދަގަނޑޭގެ ފުޓުބޯޅައިގެ ހުނަރަކީ މި ދެކުނު އޭޝިއާއިންވެސް މަދުން ނޫނީ ނުފެއްނާނެފަދަ މޮޅު އަދި އެހާމެ ފުރިހަމަ ހުނަރެކެވެ. މިކަމަށް ދަގަނޑޭ ކުޅުނު ޓީމުތަކަށް ކޯޗުކޮށްދިން ބޭރުގެ ކޯޗުންނާއި އަދި ދަގަނޑޭގެ ކުޅުން ފެނުނު ބޭރުގެ ފަރާތްތައްވެސް ހެކިވެއެވެ.
ދަގަނޑޭއަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގައި ކޯޗުކޮށްދިން ވެލިޒާ ޕޮޕޮވްވެސް ދަގަނޑޭއާއި ގުޅޭގޮތުން ބުނެފައިވަނީ، ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ކިބައިގައި ހުއްނާނެ ހުނަރު ދަގަނޑޭގެ ކިބައިގައި އެބަހުރި ކަމަށާއި ދަގަނޑޭ ޔޫރަޕަށް ނުވަތަ ދެކުނު އެމެރިކާގެ ގައުމަކަށް އުފަންވިނަމަ ފުޓްބޯޅައިގެ ވަރުގަދަ ޓީމުތަކަށް ކުޅުމުގެ ފުރުސަތުވެސް ލިބުނީސް ކަމަށެވެ. އަދި ޝައްކެއް ނެއްގޮތުގައި ދަގަނޑޭވެގެންދާނީ މިފަހުގެ ތާރީހުގައި ދުއް މޮޅެތި ފުޓުބޯޅަ ކުޅުންތެރެއިންގެ ތެރެއިން ކަމަށެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ވާދަކުރާ ދަގަނޑޭގެ ލަނޑާއި ގުޅޭގޮތުން ވެލިޒާ ޕޮޕޮވް ބުނީ، އޭއެފްސީ ކަޕުގެ ތާރީހުގައިވެސް ޖެހި އެންމެ ފުރިހަމަ ގޯލު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ދިވެއްސަކުޖެހި އެންމެ ރީތި ގޯލައް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ. މިގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފައެވެ.




ހިޔާލު
????