ފުރަތަމަ ފަހަރަށް ދިވެއްސެއްގެ އަޑުން ކީރިތި ޤުރުއާން އެއްކޮށް ރެކޯޑު ކޮށްގެން ނެރުމުގެ މަސައްކަތް ލޯފާން ކުދިންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތްކުރާ ބުލައިންޑް އެންޑް ވިޝުއަލީ އިމްޕައާރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ ފަރާތުން ފަށައިފިއެވެ.
އެ ޖަމުއިއްޔާއިން މިމަސައްކަތް ކުރުމަށްޓަކައި މިރޭވަނީ ސްޓޫޑިއޯއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިމަސައްކަތުގެ އިތުރު ތަފްސީލް ދެމުން ބީވީއައިއެސްއެމްގެ މީޑިއާ ކޯޑިނޭޓަރ އަބްދުﷲ ޒިޔާއު ވިދާޅުވީ، މިހާތަނަށް ދިވެއްސެއްގެ އަޑުން ރެކޯޑު ކުރެވިގެން ގުރުއާނުގެ ފުލް އޯޑިއޯއެއް އާމުންނާއި ހަމައަށް އައިސްފައި ނުވާކަމަށެވެ.
"މިހާތަނަށް ދިވެއްސެއްގެ އަޑުން ރެކޯޑު ކުރެވިގެން ގުރުއާނުގެ ފުލް އޯޑިއޯއެއް އާމުންނާއި ހަމައަށް އައިސްފައި ނުވޭ، އެހެންކަމުން އިންޝާﷲ އަޅުގަނޑުމެން މި މަސައްކަތް ފަށަނީ ﷲ ގެ ވާގިފުޅާއެކު އަޑު އަހާލަން ރީތި ހާއްސަކޮށް އަޅުގަނޑުމެން ފަދަ އަޑުއަހައިގެން ކިޔަވާ ލޯފާން ކުދިންނަށް ފަސޭހައިން އަކުރުތައް ސާފުވާ ކަހަލަ ކޮލެޓީ ރިކޯޑިންއެއް މުޖުތަމައަށް ގެނެސްދިނުމުގެ އަގުހުރި މަސައްކަތް" އަބްދުﷲ ޒިޔާއު ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި މިމަސައްކަތް ކުރުމަށްޓަކައި ބީވީއައިއެސްއެމް އިން އެއްބަސްވުމަކަށް އައިސްފައިވަނީ، ހުސައިން ސޮބާހުގެ ސްޓޫޑިއޯއާއެކުއެވެ. އަދި މި އޯޑިއޯގައި ގުރުއާން ކިޔެވުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މަގާމު ހާސިލްކޮށްފައިވާ ބީވީއައިއެސްއެމް މެމްބަރު އަލް ހާފިޒް އަބްދުއްރަޝީދު މުހައްމަދުއެވެ.
ބީވީއައިއެސްއެމްގެ ރައީސް އަލީ ޝަމީމް މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، ރިކޯޑިންގެ މަސައްކަތް މިއަންނަމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު އޯޑިއޯ އާމުންނަށް އަންނަ އަހަރު، 2021 ވަނަ އަހަރު ލިބޭނެ ކަމަށެވެ. އަދި މިމަސައްކަތުގައި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ލިބޭކަންވެސް ރައީސް އަލީ ޝަމީމް ފާހަގަ ކުރެއްވިއެވެ.
ބީވީއައިއެސްއެމް ޖަމުއިއްޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ލޯފާން ކުދިންގެ ހައްގުތަކަށާއި އަދި ނުކުޅެދުންތެރިކަން ހުއްނަ ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާއެކެވެ. މި ޖަމުއިއްޔާގެ ހިނގާ ކޮމެޓީގައި ހިމެނޭ 11 މެންބަރުންނަކީވެސް ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުއްނަ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.



