ބީވީއައިއެސްއެމް އިން ކުރިނބީގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ބީވީއައިއެސްއެމް

10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ބީވީއައިއެސްއެމް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އެއް ބާއްވަނީ

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޑް އޮފް މޯލްޑިވްސް" ބީވީއައިއެސްއެމް އިން އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕްއެއް ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

ފެނުމުގެ ނުކުޅެދުން ތެރިކަން ހުންނަ ފަރާތެއްކަމުގައިވާ ބީވީއައިއެސްއެމްގެ ރައީސް ޢަލީ ސަމީމް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށާއި، މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

"ބޭނުން ކޮންމެ ފަރާތަކަށްވެސް މި ހަރަކާތުގއި ބައިވެރިވެ ލޭ ހަދިޔާ ކުރެވިދާނެ" ޢަލީ ސަމީމް ވިދާޅުވެފައިވެއެވެ. އެ ޖަމިއްޔާގެ އަހަރީ ދުވަހަކީ ޖަނަވަރީ 26 އެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 25 ވަނަ ދުވަހު ހެނދުނު 09:00 އިން ހަވީރު 17:00 އަށް މޯލްޑިވްސް ބްލަޑް ސަރވިސްގައެވެ.

މީގެ އިތުރުން އެ ޖަމިއްޔާގެ އަހަރީ ދުވަހާއި ދިމާކޮށް އއ. އުކުޅަހުގައި ޝެއިޚް ނިމާލް މުޙައްމަދުގެ ވަރަށް ޚާއްސަ ދީނީ ދަރުސް އެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ނޫނަސް އަހަރުގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެޖަމިއްޔާއިން ވަނީ ނިންމާފައެވެ.

ޢަލީ ސަމީމް ވިދާޅުވީ މިއަހަރު ފެނުމުގެ ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ސްމާރޓް ޑިވައިސް ބޭނުން ކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން ޚާއްސަ ވޯކްޝޮޕެއް ކުރިޔަށް ގެންދިއުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށެވެ.

ބީވީއައިއެސްއެމްގެ ހިންގާ ކޮމެޓީގެ މަޤާމްތަކުގައިވެސް ހަރަކާތްތެރިވަމުންދަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އަދި އެ ފަރާތްތަކަކީ ފޯނަށާއި ކޮންމްޕިއުޓަރަށްވެސް އަހުލުވެރި ބައެކެވެ. އަމިއްލައަށް ޖަމިއްޔާ ހިންގުމުގެ އިދާރީ މަސައްކަތްތައްވެސް ކުރައްވަމުންދާއިރު، އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ މިފަދަ އިވެންޓްތަކުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވެދޭނެ ފަރާތްތަށް ލިބުންދަތި ކަމުގައި ޖަމިއްޔާގެ ރައީސް ވަނީ ފާހަގަ ކޮށްފައެވެ.

އެ ޖަމިއްޔާއިން 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކަށާއި އަދި އެނޫންވެސް އެޖަމިއްޔާއިން ކުރިޔަށްގެންދާ އިތުރު ހަރަކާތްތަކުގައި ވޮލިޓިއަރ ކޮށް މަސައްކަތް ކޮށްދެއްވަން ބޭނުން ފުޅުވާ ފަރާތެއްވާނަމަ އެ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7553755 އަށް ގުޅުން ވުމަށް ޖަމިއްޔާގެ ރައީސް ވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ