ފެނުމުގެ ނުކުޅުދުން ތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުގައި މަސައްކަތް ކުރަމުން އަންނަ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް" އިން އިންތިޒާމް ކޮށްގެން ފަންޑަރައިޒިން އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެ ޖަމިއްޔާއިން ބުނެފިއެވެ.
މި އިވެންޓަކީ އެ ޖަމިއްޔާ އިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް ފަންޑްރެއިސް ކުރުމަށް ކުރިޔަށްގެންދާ އިވެންޓެއްކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މި އިވެންޓް ކުރިޔަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ރަސްފަންނު ސަރަހައްދުގައެވެ.
ލޯފަން ކުއްޖެއް ކަމަށްވާ އެ ޖަމިއްޔާގެ ވައިސް ޕްރެޒިޑެންޓް ޙުސައިން ޝަރީފް މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި މި އިވެންޓްގައި އެ ޖަމިއްޔާއިން ޚާއްސަ ޓީޝާޓެއް ވިއްކުމާއި ކަޕްކޭކް ވިއްކުން ކުރިޔަށް ދާނެކަމަށާއި، ޓީޝާޓް ބޭނުން ފުޅުވާ ފަރާތްތަކަށް އޮންލައިންކޮށްވެސް ޓީޝާޓަށް އެދުމުގެ ފުރުޞަތު އެ ޖަމިއްޔާއިން ހުޅުވާލައިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިރުވެސް އެ ޖަމިއްޔާއިން ފެނުމުގެ ނުކުޅުދުން ތެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން މިހާރުވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށްދާކަމަށާއި މި ހަރަކާތްތަކުގެ ސަބަބުން އެފަދަ ކުދިންނަށް އޭގެ އެދެވޭ އަސަރު ކުރަމުން އަންނަ ކަމުގައި ޙުސައިން ވަނީ ވިދާޅުވެފައެވެ.
ޙުސައިން ވިދާޅުވީ މިއަދުވެސް އެ ޖަމިއްޔާއިން ފެނުމުގެ ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގޭގައި ތިބެގެން ކޮށްލެވޭނެ އާދައިގެ ކަސްރަތުތައް ދަސްކޮށްދިނުމަށް ޚާއްސަ ފިޓްނަސް ޕްރޮގްރާމެއް ކުރިޔަށް ގެންދެވިފައިވާ ކަމަށާއި، މިރޭ އިމާމްކަން ކުރާ ކުދިންނަށާއި ޤުރުއާން ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން ވޮއިސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުކުރު ދުވަހު ކުރިޔަށް ގެންދާ ދިރާގް ރޯޑް ރޭސްގައި އެ ޖަމިއްޔާއިން ބައިވެރިވާނެކަމަށާއި، މި ރޭސް ކުރިޔަށްދާ ވަގުތުގައި އެ ޖަމިއްޔާގެ ސްޓޯލްތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށް ދާނެކަމުގައިވެސް ހުސައިން ވަނީ ވިދާލުވެފައެވެ.




