ގަތަރާއެކު ރޭ ފަތިހު ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައި ބްރެޒިލްގެ ނޭމާއަށް އަނިޔާވެ، މިމަހު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ނޭމާއަށް ގެއްލިއްޖެއެވެ.
ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ކަނާތުފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއެކު ދަނޑުންބާލާފައިވަނީ މެޗުގެ 21 ވަނަ މިނަޓްގައެވެ. އެއަށްފަހު ބެންޗްގައި ނޭމާ ރޯން އިންމަންޒަރުވަނީ ފެނިގެން ގޮސްފައެވެ.
އަނެއްކޮޅުން ނޭމާއަށް ރޭޕްގެ ތުޙުމަތުކޮށް މައްސަލައެއް ހުށައަޅާފައިވާއިރު މިމައްސަލަ ވީހާވެސް އަވަހަށް ނިމި ނޭމާ ފުރިހަމައަށް ތައްޔާރުވެ ކޮޕާ އެމެރިކާއާއި ކުރިމަތިލުމަށް ބްރެޒިލް ޓީމުންއެދެމުންދިޔައިރު، ޓްރެއިނިންއިން ނޭމާ ބޭނުންވާ ކޮންމެ ވަގުތަކު ރިލީޒް ލިބޭނެކަމަށްވެސް ބްރެޒިލް ޓީމުގެ ކޯޑިނޭޓަރުވެސްވަނީ ބުނެފައެވެ.
ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެ، ކުރިއަށްއޮތް ކޮޕާ އެމެރިކާ ނުކުޅެވޭނެކަން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުންވެސްވަނީ ޔަޤީންކޮށްދީފައެވެ. ނޭމާއަށް ލިބުނު އަނިޔާގެ ސީރިއަސްކަމުން އެނިޔާއިން ރަނގަޅުވުމަށް ފުރިހަމަ ވަގުތު ނެތްކަމަށާއި ފިޒިކަލީ ގޮތުން ކުރިއަށްއޮތް ކޮޕާ އެމެރިކާއަށް ނޭމާ ފިޓް ނުވާނެކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.

ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ 2019 ކުރިއަށްދާނީ މިމަހުގެ 15 ން އަންނަމަހުގެ 8 ގެ ނިޔަލަށެވެ
އުމުރުން 27 އަހަރުގެ ނޭމާއަށް ނިމުނު ސީޒަންގައި އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު 13 ލީގު 1 މެޗު ވަނީ ގެއްލިފައެވެ.
ޕީއެސްޖީއިން ލީގު 1 ކާމިޔާބުކޮށްފައިވާއިރު، އިންޖަރީގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވީނަމަވެސް ނޭމާ 23 ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައިވެއެވެ.
ރޭ ފަތިހު ކުޅުނު މިމެޗު ބްރެޒިލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނަޓްގައި ރިޗާލިސަން ޖަހައިދިނީ ޑަނި އަލްވެސްގެ އެހީގައެވެ. ދެވަނަ ލަނޑު މެޗުގެ 24 ވަނަ މިނަޓްގައި ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ޖީސޫސްއެވެ.




