އަންނަ އަހަރުގެ ބަޖެޓަކީ އެމްޑީޕީގެ ސިޔާސަތުތައް ހާސިލްކުރުމަށް ބައްޓަން ކުރެވިފައިވާ ބަޖެޓެއް ނޫންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއީ އަސްލު ބަޖެޓެއް ނޫން ކަމަށާއި ބަޖެޓުގައި ހުރީ ހުވަފެނީ ކަންތައްތަކެއް ކަމަށެވެ. ބަޖެޓު ބަހުސްގައި ބައެއް މެންބަރުންގެ ކަންބޮޑުވުންތައް ފާހަގަކުރެއްވީމައި އެމެންބަރުން ހިތްހަމަ ޖައްސަވާލެއްވުމަށް ދާއިރާއަކަށް މިލިއަނެއްހާ ރުފިޔާ އިތުރު ކޮށްލަނީ އެއްވެސް ވަރަކަށް ރޭވުންތެރިކަމެއް ނެތި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި މި ވެރިކަމުގައި ތަންފީޒުވާން ޖެހޭނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. މިވެރިކަމުގެ ސަބަބުން ގައުމަށް ލބޭ ގެއްލުމުގެ ޒިންމާ ކޯލިޝަނުން ނަގަން ނުޖެހޭނެ ކަމަށާއި އެޒިންމާ ނަންގަވަން ޖެހޭނީ އެމްޑީޕީން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުރިޔަށް އިންތިހާބެއް އޮތީމައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ހޯދަން ސަރުކާރުން ކުރާ ކަންކަމުގެ ޒިންމާ ކޯލިޝަންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބަޖެޓަށް ފައިސާ ހޯދުމަށް ބަދަލުގެ ގޮތުގައި ދިން ފައިސާ ހޯދަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ދެވިފައި ހުރީ ޤާނޫނީ ހަމަޔަކުން ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ފުރަތަމަ އަހަރު ބަދަލުގެ ގޮތުގައި ފައިސާ ނުބެހިނަމަ މިހާރު މިއޮތް ހާލަތަށް ގައުމު ނުވެއްޓޭނެ ކަމަށެވެ.
ދަޢުލަތުގެ އިދާރާތަކުގެ ޚަރުދުތައް ކުޑަކުރުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.




