އަންނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރެވިއްޖެނަމަ މި ބަލިމަޑު ކަމުގައި އުޅޭކަން އިހްސާސްވެސް ނުވާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެ އެވެ.
ހަލީމް ވިދާޅުވީ މީގެކުރިން ފޮނުވާ ބަޖެޓު ތަކަކީ "ރަބަރު ސްޓޭމްޕެއް" ކަމަށެވެ. އެހެންނަމަވެސް މިއަދު މަޖިލީހުގައި ވަރަށް ގިނަ ވާހަކަތައް ދެކެވި އެވާހަކަތަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކޮށްފައިވަނީ މި އުނދަގޫ ދުވަސްވަރުވެސް އެއްވެސް ވަރަކަށް އެކަން އިޙްސާސްވެސް ނުކުރެވޭ މިންވަރަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން އަޙްމަދު ހަލީމް ވިދާޅުވީ މިދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާއިރާތަކުގެ ތަރައްޤީއަށް އޮތް ޝައުގުވެރިކަން ކަމަށެވެ. އެހެންކަމުން ސަރުކާރުން ވަނީ ބަޖެޓަށް އަނެއްކާވެސް 130 އެއްހާ މިލިއަން ރުފިޔާ އިތުރު ކޮށްފައި ކަމަށެވެ.
ހަލީމް ވިދާޅުވީ މި ބަޖެޓަކީ އަލަށް ރައްޔިތުންގެ ބާރުވެރިކަމާއިއެކު ހެދުނު ބަޖެޓެއް ކަމަށާއި މިއީ ފުރިހަމަ ބަޖެޓެއް ކަމަށެވެ. ހަލީމް ވަނީ ބަޖެޓުގެ ފުރިހަމަކަމަށްޓަކައި ރައީސް ޞޯލިހަށް ސުކުރު ދަންނަވާފައެވެ. ރައީސް ޞާލިޙް އަކީ އިޤްތިސާދީ މާހިރެއް ކަމަށް ހަލީމް ވިދާޅުވިއެވެ.
ބަޖެޓަކީ ތަންފީޒު ކުރަން އުނދަގޫ ބަޖެޓެއް ނަމަވެސް ރައީސް ޞާލިޙް ބަޖެޓު ތަންފީޒު ކުރައްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.




